ކޯވިޑުގެ ބަލިމަޑުކަމާހެދި ފުރަބަންދުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވެ އަހަރުގެ ދެވަނަ ކުއާޓަރގައި ޗައިނާގެ އިޤްޠިޞާދީ ދުވެލި ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
ޖޫން މަހުގެ ނިޔަލަ ޗައިނާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ވަނީ %2.6އަށް ވެއްޓިފައެވެ. އޭޕްރީލް އިން ޖޫން މަހުގެ ނިޔަލަށް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ޗައިނާގެ އިޤްޠިޞާދީ ދުވެލި ކުރިއަރާފައިވަނީ %0.4 އަށެވެ. މީގެކުރިން ލަފާކޮށްފައިވާގޮތުން ޗައިނާގެ އިޤްޠިޞާދީ ދުވެލި %1 ހަލުއިވާނެއެވެ.
ކޯވިޑުގެ ބަލިމަޑުކަން ފެތުރެން ފެށިފަހުން މިއަހަރުގެ ދެވަނަ ކުއާޓަރއަކީ ޗައިނާގެ އިޤްޠިޞާދީ ދުވެލި އެންމެ ބޮޑަށް މަޑުޖެހުނު ފަހަރު ކަމަށް އޮކްސްފޯޑު އިކޮނޮމިކްސްގެ އިސް އިޤްޠިޞާދީ މާހިރު ޓޮމީ ވޫ ވިދާޅުވިއެވެ. ދެވަނަ ކުއާޓަރގައި އިޤްޠިޞާދި ދުވެލި މަޑުވި ނަމަވެސް ޗައިނާގެ ގިނަ ސަރަޙައްދުތަކުގައި ފުރަބަންދު އުވާލުމުން ވިޔަފާރިތައް ހުޅުވައި ޖޫން މަހުގެ ހިސާބުތައް ރަގަޅު ކަމުގައިވެސް ވޫ ވިދާޅޫވިއެވެ.
ޗައިނާގެ ޖީޑީޕީ ވަރަށް ބޮޑަށް ދަށްވި ނަމަވެސް ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ %3.5 ށް ވެއްޓިފައެވެ. އަދި ރީޓެއިލް ވިޔަފާރިވެސް ރަގަޅުވެފައިވާ ކަމަށް ކަމާއިބެހޭ މާހިރުން ބުނެއެވެ. ކޯވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ޗައިނާ ސަރުކާރުން ގެންގުޅޭ ހަރުކަށި ޒީރޯ ކޯވިޑް އުސޫލުގެ ސަބަބުން ޗައިނާގެ އިޤްޠިޞާދު އަވަސް މުސްތަޤްބަލެއްގައި ހަލުއިވެގެން ދާނެކަމަކަށް ގިނަ މާހިރުން އެއްބަހެއް ނުވެއެވެ.