ޚަބަރު

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވާނެކަމަށް ތައިލޭންޑުން ލަފާކޮށްފި


ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އަންނަ އަހަރު 65.03 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ތައިލޭންޑުން ލަފާކޮށްފިއެވެ.

ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލޭންޑް، ޓީ.އޭ.ޓީން ލަފާކުރާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ރަނގަޅު ހާލަތަށް ވިސްނާނަމަ، މިކަމުން ލިބޭ އާމްދަނީގެ 1.5 ޓްރިލިއަން ބާތްއަކީ އެ ޤައުމަށް ދަތުރުކުރާ ފަތުރުވެރިންގެ އަތުން ލިބޭ އާމްދަނީއެވެ. އަދި 880 ބިލިއަން ބާތްއަކީ އެތެރޭގެ ފަތުރުވެރިންގެ އަތުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރުކަމަށް ޓީ.އޭ.ޓީގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީގެ %80 ކަމުގައިވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ތައިލޭންޑަށް ވަނީ ގާތްގަނޑަކަށް 2 މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނާއި 18 މަސްދުވަހަށްވުރެ ގިނަ ދުވަސްވަންދެން އެ ޤައުމަށް ވަނުމުގައި އޮތް އުނދަގޫ އުސޫލުތަކުގެ ސަބަބުން ހީނަރުވެފައިއޮތް އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ރަނގަޅު ކުރިއެރުމެކެވެ.

މުއްސަނދި ފަތުރުވެރިންނަށާއި، ހުނަރުވެރި މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން ދިގުމުއްދަތެއްގެ ވިސާ ޕްރޮފްރާމެއް މި އަހަރު ކުރީކޮޅު ތައިލޭންޑުން ވަނީ ލޯންޗްކޮށްފައެވެ.