ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބަލިކޮށް ސެމީ ފައިނަލުން ސްވިޑެން ޖާގަ ހޯދައިފިއެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ސްވިޑެންއިން ކާމިޔާބުކުރީ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ކާމިޔާބުކުރި ލަނޑަކާއެކު 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ސްވިޑެންއިންނެވެ. އެގޮތުން މި މެޗުގައި ސްވިޑެންއިން ވަނީ 33 ހަމަލާ އުފައްދާފައެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މި މެޗުން ސްވިޑެން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޖަހައިދިނީ ލިންޑާ ސެމްބްރާންޓެވެ.
މި މޮޅާއެކު މި މުބާރާތުގެ ސެމީ ފައިނަލަށް ސްވިޑެން ދަތުރުކުރިއިރު، ސެމީގައި ސްވިޑެން ބައްދަލުކުރާނީ އިންގްލަންޑާއެވެ.
ކުއާޓާގެ މެޗަށްފަހު ވާހަކަ ދައްކަމުން ސްވިޑެންގެ ކޯޗް ޕީޓާ ގާހާޑްސަން ބުނީ އިންގްލަންޑާ ދެކޮޅަށް ކުޅޭމެޗަށް ވަރަށް ރަނގަޅު ޕްލޭނެއް ހަދަންޖެހޭނެ ކަމަށެވެ. އަދި އެ މެޗު ވެގެންދާނީ ވަރަށް ބަލާހިތްވާ މެޗަކަށް ކަމަށާއި، ސްވިޑެން އަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.