ކުޅިވަރު

ޔުނައިޓެޑް ދޫކޮށް ލިންގާޑް ފޮރެސްޓަށް ސޮއިކޮށްފި


މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ޖެސީ ލިންގާޑް އިނގިރޭސި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ނޮޓިންހަމް ފޮރެސްޓަށް ސޮއިކޮށްފިއެވެ.

ލިންގާޑް ފޮރެސްޓަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އުމުރުން 29 އަހަރުގެ ލިންގާޑަކީ އައު ސީޒަނަށް ފޮރެސްޓުން އެ ކުލަބަށް ގެންދިޔަ 11 ވަނަ ކުޅުންތެރިޔާއެވެ.

ލިންގާޑް ޔުނައިޓެޑް ދޫކޮށްލީ 20 އަހަރަށްފަހު އޭނާގެ އެއްބަސްވުން މިދިޔަ މަހު ހަމަވުމާއެކުއެވެ. އޭނާ ގެންދިއުމަށް ވެސްޓް ހޭމް ޔުނައިޓެޑުންވެސް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލިންގާޑް ވަނީ 2020-2021 ވަނަ ސީޒަނުގައި ވެސްޓް ހޭމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެ، ކާމިޔާބު ދުވަސްކޮޅެއް ހޭދަކޮށްފައެވެ.

އެވަޓަންއާއެކުވެސް މަޝްވަރާ ކޮށްފައިވާ ލިންގާޑް މިދިޔަ ސީޒަނުގައި ވަނީ ޔުނައިޓެޑަށް 22 މެޗު ކުޅެފައެވެ. ނަމަވެސް މީގެތެރެއިން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ އެންމެ ހަތަރު މެޗެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮރެސްޓުގައި ލިންގާޑް ބޭނުންކުރާނީ 10 ނަންބަރު ޖާޒީއެވެ. އެ ކުލަބުގައި އޭނާއާއެކު ކުރިން ޔުނައިޓެޑަށް ކުޅުނު ގޯލްކީޕަރުޑީން ހެންޑަސަންވެސް ހިމެނެއެވެ.