ކުޅިވަރު

މިޔަޓް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެޕޮކަލިޕްސްއަށް


ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބޭއްވި އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އަރާމު ހޮލިޑޭޒް މިޔަޓް ފުޓްސަލް ފިއެސްޓާ 2022 ގެ ޗެމްޕިއަންކަން އެޕޮކަލިޕްސްއިން ހޯދައިފިއެވެ.

ޖުމްލަ 14 ޓީމާއެކު ހަތަރު ގްރޫޕަކަށް ބަހާލައިގެން ތުލުސްދޫގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އެޕޮކަލިޕްސްއިން ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި 8 ޓު 9 އެފްސީއާ ވާދަކޮށް 6-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަންކަން ހޯދި އެޕޮކަލިޕްސްގެ އިސްމާޢީލް ވަޖީހެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ހުދުރަންފުށި ޓީމުގެ ފުރުގާނެވެ.

މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ބްލެކް އީގަލްސް ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިއަކީ އެ ޓީމުގެ ޔަފާއުއެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނީ އެޕޮކަލިޕްސްގެ އަލީ ނަދީމެވެ.

މި މުބާރާތުގެ ޗެމްޕިއަނންކަން ހޯދި އެޕޮކަލިޕްސް ޓީމަށް ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމު ކަމަށްވާ 8 ޓު 9 އެފްސީއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.