ކުޅިވަރު

ރިސޯޓް ލީގު: މޮޅުވުމުގެ ރިކޯޑާއެކު ކޮންރެޑް ފައިނަލަށް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު އަރި ޒޯނުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސްއިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

މި އަހަރުގެ ފައިނަލުގެ ފުރަތަމަ ޖާގަ މުބާރާތް ބާއްވާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުން ކަށަވަރުކުރީ ހަތަރު ޓީމު ވާދަކުރި ސައުތު އަރި ޒޯނުގެ ލީގު ބުރުގައި އެ ޓީމުން ކުޅުނު ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު ލިލީ ބީޗް ރިސޯޓް 4-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗުގައި ކޮންރެޑުން ޖެހި ހަތަރު ލަނޑުގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ފާރިޝް، ހުސެއިން ޝިފާހު އަދި ކެޕްޓަން އަލީ އުމެއިރެވެ. ހަތަރުވަނަ ލަނޑަކީ ލިލީ ބީޗުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ލިލީ ބީޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައިހަމެވެ.

ކޮންރެޑް ވަނީ މި ޒޯނުގައި ދެން ހިމެނޭ ވިލަމެންދޫ އައިލެންޑް ރިސޯޓާއި ޑަބްލިއު މޯލްޑިވްސްވެސް ލީގު ބުރުގައި ބަލިކޮށްފައެވެ. މިއީ މި ޒޯނުގައި މުބާރާތް ބޭއްވި އަށް ފަހަރުގެ ތެރެއިން ކޮންރެޑް ފައިނަލަށް ދިޔަ ހަވަނަ ފަހަރެވެ.

އަދި ރިސޯޓު ލީގުގެ ސައުތު އަރި ޒޯނުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސްއެވެ. އެގޮތުން އެ ޓީމުން ވަނީ ހަތަރު ފަހަރު މި ޒޯނުގެ ތަށި އުފުލާލާފައެވެ. އެއީ 2015، 2016، 2017 އަދި އެންމެ ފަހުން މި މުބާރާތް ބޭއްވި 2019 ވަނަ އަހަރެވެ.

މީގެ އިތުރުން މުބާރާތުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދި ވިލަމެންދޫން ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ޑަބްލިއު މޯލްޑިވްސް 3-1 ގެ ނަތީޖާއަކުން ބަލިކޮށް، ސެމީ ފައިނަލުގެ އުއްމީދު އާކޮށްފައެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ކޮންރެޑް އަތުން ބަލިވެފައެވެ. އެހެންކަމުން އެ ޓީމަށް ސެމީގެ ޖާގައެއް ކަށަވަރުވާނީ ގްރޫޕުގެ ފަހު މެޗުގައި ލިލީ ބީޗު ބަލިކޮށްގެންނެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި ފަހަރުގެ މުބާރާތް ކޮންރެޑްގައި ކުރިއަށްދަނީ ހަތަރު ޓީމަކާއެކުއެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.