ޚަބަރު

ސްނެޕް ޗެޓްގެ އާމްދަނީ ދަށްވެ، ކުންފުނީގެ ހިއްސާގެ އަގު ވެއްޓިއްޖެ


މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް ލަފާކުރި ވަރަށްވުރެ މަދުން އާމްދަނީ ލިބުމުގެ ސަބަބުން މަޝްހޫރު ސްނެޕް ޗެޓް އެޕްލިކޭޝަން ހިންގަމުން އަންނަ ސްނެޕް ކުންފުނީގެ ހިއްސާގެ އަގު ވަރަށް ބޮޑުތަން ވެއްޓިއްޖެއެވެ.

ދެވަނަ ކުއާޓަރުގައި ކުންފުނީގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.11 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް ސްނެޕްއިން ވަނީ ބުނެފައެވެ. މިއީ ކުރިން އިންވެސްޓަރުން ލަފާކޮށްފައިވާ ވަރަށް ވުރެ މަދު އަދަދެއްކަމަށް ވުމުން ސްނެޕް ކުންފުނީގެ ހިއްސާގެ އަގު ވަނީ %25 އަށް ވެއްޓިފައެވެ.

ލަފާކުރިވަރަށްވުރެ މަދުން އާމްދަނީ ލިބިފައިވަނީ ސަޕްލައިލިބުމުގައި ދަތިތަކާއި ކުރިމަތިވެ، ވިޔަފާރިތަކުން އިޝްތިހާރު ކުރާލެއް މަދުވުމުންކަމަށް ސެނެޕް ކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތީ ގޮންޖެހުންތައް ގިނަ ހާލަތެއްކަމަށް ސްނެޕް އިން ވަނީ ބުނެފައެވެ.

ސަޕްލައި ލިބުމުގެ ދަތިތަކުގެ އިތުރުން ތަކެތީގެ އަގުތައް އުފުލުމާއި، މުވައްޒަފުން ލިބުން ދަތިވުމުގެ ސަބަބުންވެސް އިޝްތިހާރުތަކަށް ކުރާ ހޭދަ ވަނީ މަދުވެފައެވެ. މީގެއިތުރުން އައިފޯންގެ ޕްރައިވެސީއަށް ގެނައި ބަދަލުތަކާއި އިޤްޠިސާދީ ހީނަރުކަމާއި، މާކެޓިންގ ދާއިރާގައި އަންނަ ވާދަވެރިކަމުގެ ސަބަބުންވެސް އާމްދަނީއަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ސްނެޕް އިން ބުނެފައިވެއެވެ.

ސްނެޕްގެ އާމްދަނީ ދަށްވީ ނަމަވެސް މިދިޔަ ޖޫން މަސް ނިމުނުއިރު ސްނެޕް ޗެޓް ކޮންމެ ދުވަހަކު ބޭނުންކުރާ މީހުންގެ އަދަދު ވަނީ 347 މިލިއަނަށް އަރާފައެވެ. މިއީ ކުންފުނިން ލަފާކުރިވަރަށްވުރެވެސް އިތުރު އަދަދެކެވެ.

ސްނެޕްގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ހާމަކޮށްފައިވާއިރު، އޮންލައިން އިޝްތިހާރުތައް ހަދާ އޮޕަރޭޓު ކުރަމުން އަންނަ މެޓަ އާއި އަލްފަބެޓްގެ ހިއްސާގެ އަގުތައް ވެސް ވަނީ ވެއްޓިފައެވެ. އޮންލައިން ބޮޑެތި ކުންފުނިތައް ކަމުގައިވާ ޓުވިޓާ، ގޫގުލް ހިންގާ އަލްފަބެޓް އަދި މެޓައިން ވެސް ކުރިއަށް އޮތް ހަފްތާގައި ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމު ކުރުމަށް ނިންމާފައެވެ.