ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ނެދަލަންޑްސް ބަލިކޮށް ސެމީ ފައިނަލުގެ ފަހު ޖާގަ ފްރާންސުން ކަށަވަރުކޮށްފިއެވެ.
މި މެޗު ފްރާންސުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފްރާންސް ޓީމުންނެވެ. އެގޮތުން މެޗުގައި އެ ޓީމުން ވަނީ 33 ހަމަލާ އުފައްދާފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.
މި މެޗުގައި ފްރާންސް ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގައި ނެދަލަންޑްސްގެ ތަރިއަކަށް ވެގެންދިޔައީ އެ ޓީމުގެ ގޯލްކީޕަރު ޑެފްނަ ވެން ޑޮމްސެލާއެވެ. އޭނާ ވަނީ ފްރާންސުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގައި ފްރާންސުން ކާމިޔާބުކުރި ލަނޑަކީ މެޗުގެ 102 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އީވް ޕެރިސެޓް ކާމިޔާބުކުރި ލަނޑަކުންނެވެ. މިއީ އޭރިއާ ތެރެއިން ނެދަލަންޑްސްގެ ޑޮމިނީކް ޔެންސެން، ފްރާންސް ޓީމްގެ ކަޑިޑިއާޓޫ ޑިއާނީއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
މި މޮޅާއެކު ފްރާންސް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރާނީ އަންނަ ބުރާސްފަތި ދުވަހު ޖަރުމަނާއެވެ.