ކުޅިވަރު

ޔުނައިޓެޑާއި އެސްޓަން ވިލާގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެއެވެ.

އޮސްޓްރޭލިއާގައި ކުޅުނު މި މެޗް ނިމުނީ ޔުނައިޓެޑުން ފުރަތަމަ ދެ ލަނޑު ޖަހާފައިވަނިކޮށް، ވިލާއިން ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކުރުމުން، 2-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޖޯޑަން ސަންޗޯއެވެ. މިއީ މި ފަހަރުގެ ޕްރީ-ސީޒަނުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ 42 ވަނަ މިނެޓުގައި ވިލާގެ މެޓީ ކޭޝް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ވިލާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 49 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮން ބެއިލީއެވެ. އަދި މެޗުގައި ވިލާއިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަލުމް ޗެމްބާސްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗް އެރިކް ޓެން ހާގް ވަނީ ދެ ލަނޑު ޖެހުމަށްފަހު އެ ދެ ލަނޑު ބީވެގެންދިޔަދީގެން ނުވާނެ ކަމަށެވެ. ކަމަށް ބުނެފައެވެ. އަދި މޫސުން ގޯސްވެ، ދަނޑު ސަކަރާތްވުމަކީ އެކަމަށް ދެއްކޭނެ އުޒުރެއް ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.