ކުޅިވަރު

ރިސޯޓް ލީގު: ސައުތު އަރި ޒޯނުގެ ސެމީއަށް ޑަބްލިއު އާއި ލިލީ


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު އަރި ޒޯނުގެ ސެމީ ފައިނަލުގައި ޑަބްލިއު މޯލްޑިވްސް އާއި ލިލީ ބީޗް ރިސޯޓް ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސްއެވެ. އެ ޓީމު މި އަހަރުގެ ފައިނަލަށް ދިޔައީ ހަތަރު ޓީމު ވާދަކުރި ޒޯނުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.

ފައިނަލުގައި ދެން ވާދަކުރާނެ ޓީމަކީ ހަތަރު ޓީމުގެ ތެރެއިން ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލުން މޮޅުވާ ޓީމެކެވެ. ގްރޫޕުގެ ފަހު މެޗުތައް ކުޅުނުއިރު ކޮންރެޑް ފިޔަވާ އަނެއް ތިން ޓީމުވެސް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ދެވަނަ އަދި ތިންވަނަ ޓީމު ކަނޑައެޅީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އެގޮތުން ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ޑަބްލިއު މޯލްޑިވްސްއެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން ބަލިވެގެންނެވެ.

އަދި ތިންވަނަ ޓީމުގެ ގޮތުގައި ލިލީ ސެމީން ޖާގަ ހޯދީ އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ވިލަމެންދޫ އައިލެންޑް ރިސޯޓް 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ލިލީ ބީޗުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އައިހަމާއިއި އަލީ ހަމްޒަތެވެ. މީގެ ތެރެއިން ހަމްޒަތު ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގައި ވިލަމެންދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އިނާޝް ވާފިރެވެ.

މިއީ މުބާރާތުގެ ތާރީޚުގައި ޑަބްލިއު މޯލްޑިވްސްއަށް އެންމެ ދުރަށް ދެވުނު ފަހަރެވެ. އެކަމަކު ލިލީ ބީޗުން ވަނީ މީގެކުރިންވެސް މި މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ.

ރިސޯޓު ލީގު ސައުތު އަރި ޒޯނުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސްއެވެ. އެގޮތުން އެ ޓީމުން ވަނީ ހަތަރު ފަހަރު މި ޒޯނުގެ ތަށި އުފުލާލާފައެވެ. އެއީ 2015، 2016، 2017 އަދި އެންމެ ފަހުން މި ޒޯނުގައި މުބާރާތް ބޭއްވި 2019 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ދެ އަހަރު ކަމަށްވާ 2013 އަދި 2014 ވަނަ އަހަރު ތަށި އުފުލާލީ ސަން އައިލެންޑުންނެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި މުބާރާތް ކޮންރެޑްގައި ކުރިޔަށްދަނީ ހަތަރު ޓީމަކާއެކުއެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ބުދަ ދުވަހެވެ.