ކުޅިވަރު

އޯއެލްއެސްސީ މޯލްޑިވްސްއިން ދަރުމަވެރި ޚާއްސަ ހަރަކާތެއް


ރާއްޖޭގައި އެންމެ އެކްޓިވްކޮށް ހަރަކާތްތެރިވަމުން އަންނަ އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކުލަބު (އޯއެލްއެސްސީ) ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް ދަރުމަވެރި ހަރަކާތެއް ލޯންޗުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި އޯއެލްއެސްސީން ލޯންޗުކުރި ހަރަކާތަކީ "ފްރީޑަމް ޗެރިޓީ" އެވެ. މި ޗެރިޓީ ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ ފުޓްބޯޅަ ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު އޮންނަ ދުވަހެވެ. އަދި މި ޗެރިޓީ 2022/23 ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ނިމުމާ ހަމައަށް ކުރިއަށްދާނެއެވެ.

މި ޗެރިޓީގެ ބޭނުމަކީ ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހެއްގެ ދިރިއުޅުމަށް މުހިންމު ބަދަލެއް ގެނުވާނެ އެހީތެރިކަމެއް، އޯއެލްއެސްސީގެ މެންބަރުންގެ ފަރާތުން ފަހިކޮށްދިނުމެވެ. އެ ގޮތުން އޯއެލްއެސްސީން ވަނީ ޗެރިޓީ މެދުވެރިކޮށް ފަންޑް އެއްކޮށްގެން، ތަފާތު ދެ މީހަކަށް ދެ "ޕަވާ ވީލްޗެއާ" ހަދިޔާކުރަން ނިންމާފައެވެ. އޯއެލްއެސްސީން ހާމަކުރާ ގޮތުން 25,000 - 30،000 ރުފިޔާގެ އަގުހުރި މި ވީލްޗެއާގައި ސްޓީލް ފްރޭމާއި، އެޑްޖަސްޓަބްލް އާމްރެސްޓާއި، ޕީވީސީ ސީޓް އަދި އެލުމިނިއަމް ފުޓް ޕްލޭޓް ހިމެނޭނެއެވެ.

މި ޗެރިޓީ ލޯންޗުކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޯއެލްއެސްސީގެ އެކްސްކޯ މެންބަރު އަދި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލް ވިދާޅުވީ މި ވީލްޗެއާ ހަދިޔާކުރާނެ ދެ ފަރާތް ކަނޑައެޅުމުގައި ޚާއްސަ ކަންތައްތަކަކަށް ބަލާނެ ކަމަށެވެ. އަދި މި ޗެރިޓީގެ މައިގަނޑު މަގުސަދުގެ ދަށުން ވީލްޗެއާ ހަދިޔާކުރާނެ މީހަކު ކަނޑައެޅުމުގައި އެންމެ ބޮޑަށް އަހަންމިއްޔަތުކަން ދޭނީ މިފަދަ ވަސީލަތަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ޒުވާން މީހަކަށް ކަމަށާއި، މި ވީލްޗެއާ ލިބުމުން އެ މީހެއްގެ ދިރިއުޅުމަށް އަންނާނެ ރަނގަޅު ބަދަލާއި، އެ މީހެއްގެ ހާލަތައް ބަލާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ޗެރިޓީގެ ފަންޑްރެއިޒިން ހަރަކާތްތައް ކުރިއަށްގެންދާނީ މެޗު ބެލުމުގެ ޓިކެޓާއި ޗެރިޓީ ޓިކެޓު ވިއްކައިގެން ކަމަށް އޯއެލްއެސްސީން މައުލޫމާތުދެއެވެ. އަދި ޗެރިޓީ ޓިކެޓެއް ނުގަނެވެސް ހެޔޮ އެދޭ ފަރާތްތަކުން އެހީތެރިވާން ބޭނުންނަމަ، އޯއެލްއެސްސީއަށް ގުޅައިގެން ކުރިއަށްދާން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އޯއެލްއެސްސީން މައުލޫމާތުދޭ ގޮތުން ޗެރިޓީ ފައިސާ އެއްކުރުމުގެ ހަރަކާތް ނިންމާލަން އަމާޒުހިފާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. އެ ގޮތުން ވީލްޗެއާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ގަންނަން ނިންމާފައިވާއިރު، އެ ގޮނޑި ހަވާލުކުރުން ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ މަސް ނިމުމުގެ ކުރިން ނިންމުމަށްވެސް ވަނީ އަމާޒު ހިފާފައެވެ.

ލިވަޕޫލުގެ އިތުރުން ރަސްމީކޮށް ރާއްޖޭގައިވެސް ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދާ އޯއެލްއެސްސީން ޗެރިޓީގެ ޚާއްސަ ހަރަކާތެއް ލޯންޗުކުރިއިރު، އެ ކުލަބުން އަންނަނީ ކުޅިވަރާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖޭގައި ހަރަކާތްތަށް ހިންގަމުންނެވެ. އެގޮތުން އޯއެލްއެސްސީން އެ ޖަމިއްޔާގެ އިޖުތިމާއީ ޒިންމާގެ ދަށުން މީގެ ކުރިން ވަނީ ކެއާ ސޮސައިޓީއަށް 10،000 ރުފިޔާ ހަދިޔާކޮށްފައެވެ.