ކުޅިވަރު

ބިސް ބުރު އަތުން ބުރު ސްޕޯޓްސްއަށް ބޮޑު މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން ބުރު ސްޕޯޓްސް ކުލަބު ބޮޑު މޮޅެއް ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ބުރު ސްޕޯޓްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މިސްްރުގެ މިޑްފީލްޑަރު އަޙްމަދު މުޙައްމަދު ގަބައްލާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް ސްޓެފަން ޑުރިކެވެ.

އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ބުރު ސްޕޯޓްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި މިޑްފީލްޑަރު ޖުމައިލް ޖަމީލް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ނިޒާމް (ނިޒާމްބެ) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބިސް ބުރުގެ ގޯލްކީޕަރު ހަސަން ނިމާހް މުޙައްމަދުގެ ކައިރިން ނައްޓާލުމަށްފަހުއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބިސް ބުރުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ބުރު ސްޕޯޓްސްއިން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. ގަބައްލާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓެފަންއެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި ސްޓެފަން ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މެޗުގައި ބުރު ސްޕޯޓްސްއިން ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބިސް ބުރުގެ ޑިފެންޑަރު އިބްރާހީމް އީމައު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބަދަލަކަށް ކުޅެން އެރި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ބުރު ސްޕޯޓްސްގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ސެމީ ފައިނަލާ ގާތަށް ބުރު ސްޕޯޓްސް ޖެހިލިއިރު، އެ ޓީމު އޮތީ ގްރޫޕް އެކެއްގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކުލަބު އަދި ހަތަރުވަނައިގައި އޮތް ބިސް ބުރަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.