ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު އަރި ޒޯނުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޑަބްލިއު މޯލްޑިވްސް ބަލިކޮށް ލިލީ ބީޗް ރިސޯޓް ފައިނަލަށް ދަތުރުކޮށްފިއެވެ.
ސައުތު އަރި ޒޯނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ކޮންރެޑް މޯލްޑިވްސްއެވެ. އެ ޓީމުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ހަތަރު ޓީމު ވާދަކުރި މި ޒޯނުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ އެއްވަނަ ހޯދައިގެންނެވެ.
ފައިނަލުގެ ދެވަނަ ޖާގަ ލިލީ ބީޗުން ހޯދީ ޑަބްލިއު މޯލްޑިވްސްއާ ދެކޮޅަށް ހޯމަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން, ޕެނަލްޓީ ޖަހައިގެން 5-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ލިލީ ބީޗުގެ ހަނީފް އަބްދުﷲ ލަނޑެއް ޖެހި ނަމަވެސް, އޭގެ މިނެޓެއް ފަހުން ޑަބްލިއު މޯލްޑިވްސްގެ އަލީ ހުސެއިން ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެއާއެކު ޕެނަލްޓީގައި ކުރި ހޯދައި ލިލީ ބީޗް ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމުން ވަނީ މީގެ ކުރިންވެސް މި މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އެހެންކަމުން މިއީ ލިލީ ބީޗުން ސައުތު އަރި ޒޯނުގެ ފައިނަލަށް ދިޔަ ދެވަނަ ފަހަރެވެ.
ރިސޯޓު ލީގުގެ ސައުތު އަރި ޒޯނުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސްއެވެ. އެގޮތުން އެ ޓީމުން ވަނީ ހަތަރު ފަހަރު މި ޒޯނުގެ ތަށި އުފުލާލާފައެވެ. އެއީ 2015، 2016، 2017 އަދި އެންމެ ފަހުން މި ޒޯނުގައި މުބާރާތް ބޭއްވި 2019 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ދެ އަހަރު ކަމަށްވާ 2013 އަދި 2014 ވަނަ އަހަރު ތަށި އުފުލާލީ ސަން އައިލެންޑުންނެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މި ފަހަރުގެ މުބާރާތް ކޮންރެޑުގައި ކުރިއަށްދާއިރު،ފައިނަލުގައި ކޮންރެޑާއި ލިލީ ބީޗު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު 16:30 ގައެވެ.