ހޯމަ ދުވަހު ފެށި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝްއެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހޯމަ ދުވަހު ރާއްޖެ ބަލިވީ ނޭޕާލް އަތުން 4-0 ގެ ނަތީޖާއަކުންނެވެ.
ބުބަނޭޝްވަރު ސިޓީގެ ކަލިންގާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މި ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ނޭޕާލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދިޕޭޝް ގުރުންގެވެ.
މި މެޗުގެ ދެވަނަ ހާފުގައި ނޭޕާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 57 ވަނަ މިނެޓުގައި ސުގަމް ސުވާލް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ކްރިތިޝް ރަތްނާ ޗުންޖޫ ވަނީ ނޭޕާލުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ހުސައިން ޝާވިން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ނޭޕާލުން ހަތަރުވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް މަންގްޔާ ނަކާރްމީއެވެ.
މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ރާއްޖެ ނުކުންނާނެއެވެ. އޭގެ ދެ ދުވަސް ފަހުން މި މަހު 31 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އަންނަ އޯގަސްޓް މަހު ދެވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
މި މުބާރާތުގައި ޒުވާން ގައުމީ ޓީމަށް އިރުޝާދުދެނީ ގައުމީ ސީނިއާ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) އެވެ. ޝާކިއްޓެއާ އެކު ކޯޗިން ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުޙައްމަދާއި އިބްރާހީމް ސައީދު (ކަކާ) އަދި އަޙްމަދު ފައްރާހު (ފައްރަ) އެވެ. ޓީމުގެ މެނޭޖަރަކީ މުޙައްމަދު އަބީރެވެ.