ފްރެންޗް ލީގުގެ ބޯޑޯއަށް ކުޅެމުން އައި ޒުވާން ކުޅުންތެރިޔާ ސެކޫ މާރާ، އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތެމްޕްޓަނަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މާރާ ސައުތެމްޕްޓަނަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 19 އަހަރުގެ މިކުޅުންތެރިޔާ މިދިޔަ ސީޒަނުގައި ވަނީ ބޯޑޯއަށް ކުޅުނު 26 މެޗުގައި ހަ ލަނޑު ޖަހާދީފައެވެ.
ސައުތެމްޕްޓަނުގެ ކޯޗް ރަލްފް ހެސެންހޫލްޓް ބުނީ މާރާ އެ ކްލަބަށް ގެންނަ އެންމެ ބޮޑު އެއް ބޭނުމަކީ ލަނޑު ޖެހުން ކަމަށެވެ. އެގޮތުން މާރާ ވަނީ އޭނާއަށް އެކަން ކުރެވޭކަން ފްރެންޗް ލީގުގައި ދައްކައިދީފައި ކަމަށާއި، ދެން އޮތީ ބުރަކޮށް މަސައްކަތް ކޮށް ޕްރިމިއާ ލިގުގައި އޭނާއަށް އެކަން ކުރެވޭނެކަން ދެއްކުން ކަމަށްވެސް ބުންޏެވެ. އެކަމަކު އޭނާ އަކީ ޒުވާން ކުޅުންތެރިއެއް ކަމުން އައު ގައުމަކަށާއި، އައު ލީގަކަށް ހޭނުމަށް ވަގުތު ނަގާނެ ކަމަށާއި، ނަމަވެސް މާރާ އައުމުން ކުލަބުން ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް ރަލްފް ވަނީ ބުނެފައެވެ.
ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅޭ މާރާ ބޯޑޯއަށް އެންމެ ފުރަތަމަ ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ސައުތެމްޕްޓަނަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން މާރާ ބުނީ އޭނާ އަކީ ޒުވާން ކުޅުންތެރިއެއް ކަމަށާއި، އޭނާ ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ސައުތެމްޕްޓަނަކީ އޭނާގެ ކުޅުން ތަރައްގީކޮށް، ދެން އޮތް ހަރުފަތަށް ދިއުމަށްޓަކައި އެންމެ ރަނގަޅު ކުލަބުކަމަށް ގަބޫލް ކުރާ ކަމަށްވެސް ބުންޏެވެ. މާރާއަކީ އައު ސިޒަނަށް ސައުތެމްޕްޓަނަށް ސޮއިކުރި ހަވަނަ ކުޅުންތެރިޔާއެވެ.