އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ފަސޭހަކަމާއެކު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗާ ކުރިމަތިލިއިރު، މާޒިޔާއިން ވަނީ ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ. އަދި މި މެޗާ ކުރިމަތިލިއިރު، މާޒިޔާގެ ކޯޗުގެ މަގާމުން ސާބިއާގެ މިއޮޑްރަގް ޖެސިކް ވަނީ ވަކިވެފައެވެ. އެހެންކަމުން މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރު (ކޮއްކޮ) އެވެ.
ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި އޮތުމާއެކު އަންގާރަ ދުވަހު ކުޅުނު މެޗަށް މާޒިޔާ ނުކުމެފައިވަނީ ގިނަ ބަދަލުތަކަކާއެކުއެވެ. އެކަމަކުވެސް މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.
އޭގެ ތިން މިނެޓު ފަހުން މާޒިޔާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ޔޫވީގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފުލްބެކް މޫސާ ޔާމީން (ޔާމްބެ) ދިން ބޯޅައަކުން އިއްބެ ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
މި މެޗުގެ ދެވަނަ ހާފަށް މާޒިޔާ ނުކުމެފައިވަނީ ފުރަތަމަ ހާފުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި އިޔާން އަބްދުލް އަލީމުގެ ބަދަލުގައި ގޯލްކީޕަރު ހުސައިން ޝަރީފާ އެކުއެވެ. މި ހާފުގައިވެސް މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާމްބެއެވެ.
މި މެޗު ނިމުމުން ޔޫވީން ވަނީ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާއަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ. މާޒިޔާއަށް ލީގުގެ ޝީލްޑް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގްސްޓް މަހުގެ އެއްވަނަ ދުވަހު ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހުއެވެ.
ޔޫވީ އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 20 މެޗުން ލިބުނު 57 ޕޮއިންޓާއެކުއެވެ. އަދި ޔޫވީ އޮތީ ތާވަލުގެ ހަވަނައިގައި 20 މެޗުން 26 ޕޮއިންޓާއެކުއެވެ.