ޚަބަރު

އިގްތިސާދު ކުރިއަރާ މިންވަރު އިތުރަށް މަޑުޖެހޭނެކަމަށް ލަފާކޮށްފި


ދުނިޔޭގެ އިޤްޠިޞާދު ކުރިއަރާ މިންވަރު މިއަހަރުގެ ކުރިއަށްއޮތްތަނުގައި ދަށްވެ، އިގްތިސާދީ ދުވެލި އިތުރަށް މަޑުޖެހޭނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން އަނެއްކާވެސް ލަފާކޮށްފިއެވެ.


އައިއެމްއެފްއިން މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ އިގްތިސާދާއި ގުޅޭގޮތުން އައިއެމްއެފްއިން އެންމެފަހުން ނެރުނު ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓްގައެވެ.


އައިއެމްއެފްގެ ރިޕޯޓްގައި ބުނި އިންފްލޭޝަން މަތިވުމާއި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްޠިޞާދު ރިސެޝަނަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.


އައިއެމްއެފްއިން މީގެކުރިން ލަފާކޮށްފައިވަނީ ދުނިޔޭގެ ޖީޑީޕީ ކުރިއަރާ މިންވަރު މިއަހަރު ހުންނާނީ3.6 އިންސައްތައިގައިކަމަށެވެ. ނަމަވެސް މިހާރު މި އަދަދު ހުރީ 3.2 އިންސައްތައިގައެވެ.


މި ރިޕޯޓްގައިވާ ގޮތުން ދުނިޔޭގެ ދުނިޔޭގެ އެންމެ ބޮޑު 3 އިގްތިސާދުކަމުގައިވާ އެމެރިކާ، ޗައިނާ އަދި ޔޫރޯ ޒޯންގެ އިގްތިސާދީ ދަނީ މަޑުޖެހެމުންކަމަށެވެ. އަދި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު މަޑުޖެހޭ މިންވަރު އިތުރުވެގެންދާނެކަމަށްވެސް މި ރިޕޯޓްގައިވެއެވެ.


އައިއެމްއެފްއިން ލަފާކުރާ ގޮތުން ރަޝިޔާއިން ޔޫރަޕަށް ފޯރުކޮށްދޭ ގޭސް މެދުކަނޑާލައިފިނަމަ އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާ މިންވަރު 2 އިންސައްތަ ނުވަތަ އެއަށްވުރެ ދަށަށް ހިނގައިދާނެކަމަށެވެ.


1970 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އިގްތިސާދު ކުރިއަރާ މިންވަރު 2 އިންސައްތައަށްވުރެ ދަށަށް ގޮސްފައިވަނީ 5 ފަހަރެއްގައެވެ. އެއީ 1973, 1981، 1982, 2009 އަދި އެންމެފަހުން ކޯވިޑާއެކު 2020 ވަނަ އަހަރުއެވެ.


އައިއެމްއެފްއިން ލަފާކުރާ ގޮތުގައި އަންނަ އަހަރު އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކުގައި ތަކެތީގެ އަގު މައްޗަށް ދާ މިންވަރު ނުވަތަ އިންފްލޭޝަން 6 އިންސައްތައަށްވުރެ މައްޗަށް ދާނެއެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިންފްލޭޝަން 9 އިންސައްތައަށް އަރާނެކަމަށްވެސް މި ރިޕޯޓްގައިވެއެވެ.