ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ސެމީ ފައިނަލުގައި ފަސޭހަކަމާއެކު ސްވިޑެން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އިންގްލަންޑުން ހޯދައިފިއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލު މެޗު އިންގްލަންޑުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. މ
މި މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި ސްވިޑެންއިން ރަނގަޅަށް ކުޅުނު ނަމަވެސް، އިންގްލަންޑުން ވަނީ މެޗުގެ 34 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބާތު މީޑެވެ.
ދެވަނަ ހާފު ފަށައިގެން އިންގްލަންޑުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ލޫސީ ބްރޯންޒް ވަނީ އިތުރު ލަނޑެއް ޖަހައި އިންގްލަންޑަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މި ލަނޑާއެކު ސްވިޑެންއިން ވަނީ އިންގްލެންޑުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.
އެކަމަކު އިންގްލަންޑުން ވަނީ މެޗުގެ 68 ވަނަ މިނެޓުގައި ތިންވަނަ ލަނޑެއް ޖަހާފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން އިންގްލަންޑުން ވަނީ އެ ޓީމުން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގްރޭން ކާބީއެވެ.
މި މޮޅާއެކު އިންގްލަންޑުގެ އައު ކޯޗު ސަރީނާ ވިއެމަންގެ ކޯޗުކަމުގައި ބަލިނުވެ 19 މެޗު ހަމަކުރިއިރު، މިއީ 13 އަހަރު ތެރޭ އިންގްލެންޑް ޓީމުން އަންހެން ފުޓްބޯޅައިގެ ބައިނަލްއަގުވާމީ ބޮޑު ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރަށެވެ.
އެންމެ ފަހުން 2017 ވަަނަ އަހަރުގެ އަންހެނުންގެ ޔޫރޯގައި އިންގްލަންޑް ސެމީ ފައިނަލުގައި ބަލިވީ އެ ފަހަރުގެ ޗެމްޕިއަން ނެދަލެންޑްސް އަތުން 3-0 އިންނެވެ. މި ފަަހަރު އިންގްލެންޑް ފައިނަލަށް ގޮސްފައިވާއިރު، ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން، އަމިއްލަ ފަސްގަނޑުގައި ކުޅެގެން ހޯދަން އެ ޓީމު އޮތީ ކެތްމަދުވެފައެވެ.