ޚަބަރު

މުދައްރިސުން ހަފްތާއަކު 65 ގަޑިއިރު މަސައްކަތްކުރޭ!


ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުދައްރިސުންގެ ވޯކްލޯޑް ބޮޑުވުމެވެ. ސިވިލް ސަރވިސްގެ ރަސްމީ ގަޑިޔަކީ ހަފްތާގެ 5 ދުވަހު ދުވާލަކު 6 ގަޑިއިރުކަމުގައި ވީނަމަވެސް މުދައްރިސުން ހަފްތާއަކު 65 ގަޑިއިރު މަސައްކަތް ކުރާކަން ޓީޗަރސް ރިސަރޗް ކޮމެޓީން އެކުލަވާލި ދިރާސާ ރިޕޯޓްގައިވެއެވެ.

މި ރިޕޯޓްގައި ވާގޮތުން މުދައްރަސިން ދަރިވަރުންނަށް ގަޑި ނަގާ ދިނުމުގައި ހަފްތާއަކު 15.20 ގަޑިއިރު ހޭދަކުރެއެވެ. ކްލާހަށް ތައްޔާރުވުމުމަށްޓަކައި 22.70 ގަޑިއިރު ހޭދަކުރާއިރު ކިޔަވައިދިނުމާ ގުޅޭ އެހެނިހެން ކަންކަމަށް 14.15 ގަޑިއިރު މުދައްރިސުން ހޭދަކުރަން ޖެހެއެވެ. މީގެ އިތުރަށް އިދާރީ ކަންކަމަށް 6.30 ގަޑިއިރު ހޭދަކުރާއިރި އިތުރު ހަރަކާތްތަކާއި ގުޅުންހުރި ކަންކަން ކުރުމަށްޓަކަށް 6.75 ގަޑިއިރު ހޭދަވާކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި މުދައްރިސުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ދުވާލަކު 35 މިނެޓްގެ 5 ނުވަތަ 6 ޕީރިއަޑް ނަގާކަމަށްވެއެވެ. އަދި 6 ގަޑިއިރުގެ ތެރޭގައި ކިޔަވައިދިނުމާ ގުޅޭ އިތުރުކަމެއް ކުރާނެ ވަގުތެއް ރަސްމީގަޑީގެ ތެރެއިން ނުލިބެއެވެ.

މުދައްރިސުން ކަންބޮޑުވުން ފާޅުކުރާ އަނެއްކަމަކީ އާދަޔާ ޚިލާފަށް އިތުރު ޙަރަކާތްތައް ގިނަވުމުގެ ކަންބޮޑުވުމެވެ. މިގޮތުން ޔުނިފޯމް ހަރަކާތްތަކުގެ އިތުރަށް އެކިއެކި މުއައްސަސާތަކުން ގެންދާ ހަރަކާތްތަކުގައި ދަރިވަރުންނާއި މުދައްރިސުން މަޝްޣޫލް ވާންޖެހުމަކީ މުދައްރިސުންގެ އަގުހުރި ވަގުތުތައް ކިޔަވައި ދިނުން ނޫންކަންކަމަށް ހޭދަކުރަންޖެހޭ ސަަބަބެއްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި މިފަދަ ހަރަކާތްތައް ހުންނަނީ ހުރިހާ މުދައްރިސުންނަށް ބަހާފައިކަމަށާއި އެ ހަރަކާތްތައް އޮންނަ ދުވަހު އެ ޑިއުޓީތަކަށް ނިކުންނަށް ޖެހޭކަމާއި މިކަންކަން ރަސްމީގަޑީގައި ނުކުރެވޭކަން ދިރާސާގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާގައި ވާގޮތުން ދުވާލެއްގެ މައްޗަށް 5 ނުވަތަ 6 މުދައްރިސުން ސަލާމް ބުނާއިރު އެ މުދައްރިސުން ނަގައިދޭންޖެހޭ 25 ނުވަތަ 30 ޕީރިއަޑް ދެން ތިބި މުދައްރިސުންނަށް ބަހާލުމުން ރަސްމީ ގަޑީގެތެރޭގައި ދެން ރާވާފައި ހުންނަ މަސައްކަތްތަކަށް ބުރުއަރައެވެ. މީގެ އިތުރަށް ސްކޫލްއަށް ޤަވައިދުން ހާޒިރުވާ މީހުންނާއި ހާޒިރުނުވާ ފަރާތްތަކާމެދު ލިބޭ އިނާޔަތްތަކުގެ ތަފާތެއް ނެތުމުން ބުރަކޮށް މަސައްކަތްކުރާ މުދައްރިސަށް އެކަމުން ކުރާ ފައިދާއެއް ނޯންނަކަމަށް މި ދިރާސާގައި ބައިވެރިވި ބައެއް މީހުން ފާހަގަކުރިއެވެ.

މި ދިރާސާގައިވާ ގޮތުން ސްކޫލްތަކަށް ބޭނުންވާ މިންވަރަށް އިދާރީ މުވައްޒަފުން ނުތިބުމުގެ ސަބަބުން މުދައްރިސުންގެ މަސައްކަތްތަކަށް ބުރުއަރައެވެ. އެގޮތުން ރިކުއާމަންޓްގައިވާ ޢަދަދަށް މުވައްޒަފުން ހަމަޖައްސަން ހުއްދަ ނުލިބޭކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ވަކިން ޚައްސަކޮށް އާބާދީ މަދު ސްކޫލްތަކުގައި މި މައްސަލަ ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެޑްމިނިސްޓްރޭޓަރ ނުހުންނަ ސްކޫލްތަކުގައި އެ ދައުރު ގިނަފަހަރު އަދާ ކުރަނީ ކޮންމެވެސް ލީޑިންޑް ޓީޗަރަކަށް ވުމުން އެ މީހުންގެ ޒިންމާ ގިނަ ފަހަރު އަދާނުކުރެވެއެވެ. ހަމަ އެއާއެކު ސްކޫލްތަކުގައި ކައުންސެލަރއަކު ނުވަތަ ހެލްތް އެސިސްޓެންޓަކު ނުވަތަ އައިޓީ ޓެކްނީޝަނުން ނެތްނަމަ އެ ދައުރުވެސް މުދައްރިސުން އަދާކުރަންޖެއެވެ. މީގެ އިތުރަށް އެކަށީގެންވާ މުވައްޒަފުން ނުތިބުމުގެ ސަބަބުން ސްކޫލްތައް ޒީނަތްތެރިކުރުމުން ފެށިގެން މެއިންޓަނަންސްގެ މަސައްކަތްތައްވެސް ޓީޗަރުން ކުރަންޖެހޭ ހާލަތްތައްވެސް އަންނަކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.