ކުޅިވަރު

ވަރުގަދަ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޑަކާއްޓޭ އާއި އެޑަމާ ދެއްކި ކުޅުމަށް ތައުރީފު


ކޮމަންވެލްތު ގޭމްސްގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ ދެކޮޅަށް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޕެއާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ) ދެއްކި ކުޅުމަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމުގައި މިހާރު ކުރިއަށްދާ ގޭމްސްގައި އޮސްޓްރޭލިއާގެ ކްރިސް މެކްހިއު އާއި ޕޯލް ބާނެޓްގެ ޕެއާއާ ދެކޮޅަށް ރާއްޖޭގެ ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ސެޓުގެ ފުރަތަމަ 10 ޕޮއިންޓާ ހަމައަށް ވަރުގަދަ ފައިޓެއް ދިނެވެ. އަދި ދެ ސެޓުގައިވެސް ރާއްޖެއިން އެއް ޕޮއިންޓުގެ ލީޑަކާއެކުވެސް ވަނީ ކުޅެފައެވެ. އެކަމަކު އެ ފެންވަރުގެ މެޗުތަކުގެ ތަޖުރިބާގެ ބޭނުންކޮށް ކްރިސް އާއި ޕޯލް ވަނީ ފަހުކޮޅު ތަފާތު މޮޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބުކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު ވިނީޝިއުސް ޖިއޯނީ ވަނީ ރާއްޖޭގެ ކުޅުންތެރިން މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި އެ ފެންވަރުގައި ކުޅޭއިރު އަދިވެސް ޑިފެންސައް އަންނަ ބޯޅަތަކުގައި ވިސްނުންތެރި ކަމާއެކު ކުޅެން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.

އޮސްޓްރޭލިއާ އަތުން ރާއްޖެ ބަލިވި ނަމަވެސް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުވެސް ވަނީ ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފުކޮށްފައެވެ. އެގޮތުން މަޚްލޫފް ވިދާޅުވީ ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައި އޮތް އޮސްޓްރޭލިއާއާ ދެކޮޅަށް ކުޑަކާއްޓޭ އާއި އެޑަމާ ދެއްކި މޮޅުކުޅުމުން ހައިރާންކޮށްލުވާފައިވާ ކަމަށެވެ.

މަޚްލޫފް އިތުރަށް ވިދާޅުވީ އެފްއައިވީބީގެ އެހީތެރިކަމާއެކު ބްރެޒިލް ކޯޗާއެކު 2028 ވަނަ އަހަރުގެ އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ އުންމީދާއެކު ފެށި މަސައްކަތުގެ ނަތީޖާ ކުރު މުއްދަތެއްގެ ތެރޭގައި ފެންނަން ފެށުން މިއީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

މިހާރު ކުރިއަށްދ ކޮމަންވެލްތު ގޭމްސްގައި މި ފަހަރު ރާއްޖޭން ފަސް ކުޅިވަރެއްގައި ވާދަކުރާއިރު، އެ ކުޅިވަރުތަކަކީ ބީޗް ވޮލީގެ އިތުރުން ޓީޓީ، އެތުލެޓިކްސް، ފެތުން އަދި ބެޑްމިންޓަނެވެ.