އިންޑިއާގެ ބުބަނޭޝްވަރުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސްރީ ލަންކާއާ އެއްވަރުވެ، ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެއެވެ.
އާދީއްތަ ދުވަހު ކުޅުނު މެޗުން ރާއްޖެ ލަންކާއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ކަލިންގާ ސްޓޭޑިއަމުގައި ކުޅުނު މި މެޗަށް ރާއްޖޭގެ ޓީމު ނުކުތީ ބަދަލުތަކެއް ގެނެސްގެންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ރާއްޖެއިންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އައިހަމް ހަމްދޫނެވެ.
އެކަމަކު މެޗުގެ އިތުރު ވަގުތުގައި ލަންކާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ހަތަރުވަނަ މިނެޓުގައި މި ލަނޑު ލަންކާއަށް ކާމިޔާބުކޮށްދިނީ ތެސާން ތުޝްމިކާއެވެ.
މި މެޗުން ބަލިވެ ފަސް ގައުމު ވާދަކުރާ މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގެ ޖާގައެއް ރާއްޖެއަށް ގެއްލުނުއިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ވަނީ ނޭޕާލް އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ވަނީ 4-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ލީގު ބުރުގެ އެއްވަނައިގައި މި ވަގުތު އޮތީ ތިން މެޗުންވެސް މޮޅުވި ބަންގްލަދޭޝްއެވެ. އެ ޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އިންޑިއާ އާއި ތިންވަނައިިގައި އޮތް ނޭޕާލަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ.
ތާވަލުގެ ހަތަރުވަނައިގައި އޮތް ރާއްޖެ އާއި ފަސްވަނައިގައި އޮތް ލަންކާއަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. ލަންކާއަށް ހުރިހާ މެޗެއް ނިމިފައިވާއިރު، ރާއްޖެއަށް ދެން އޮތީ އަންނަ އަންގާރަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
މި މުބާރާތުގައި ޒުވާން ގައުމީ ޓީމަށް އިރުޝާދުދެނީ ގައުމީ ސީނިއާ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) އެވެ. ޝާކިއްޓެއާ އެކު ކޯޗިން ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުޙައްމަދާއި އިބްރާހީމް ސައީދު (ކަކާ) އަދި އަޙްމަދު ފައްރާހު (ފައްރަ) އެވެ. ޓީމުގެ މެނޭޖަރަކީ މުޙައްމަދު އަބީރެވެ.