ފްރެންޗް ސުޕަ ކަޕުގައި ނޯންޓް ބަލިކޮށް، އައު ކޯޗު ކްރިސްޓޮފް ގަލްޓިއޭއާއެކު ޕީއެސްޖީން ފުރަތަމަ ތަށި އުފުލާލައިފިއެވެ.
މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރީ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ފްރެންޗް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ނޯންޓް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗަކީ މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށް ޕީއެސްޖީގެ ކޯޗުކަމާ ކްރިސްޓޮފް ގަލްޓިއޭ ހަވާލުވި ފަހުން، އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.
އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ތެލް އަވީވުގައި ހުންނަ ބްލޫމްފީލްޑް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. ނޭމާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ދެވަނަ ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ނޭމާއެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުުޅުން ފެށިގެން 12 ވަނަ މިނެޓުގައި ސާޖިއޯ ރާމޯސް ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ނޭމާ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ނޭމާއަށް ނޯންޓުގެ ޖިއާން-ޗާލްސް ކަސްޓެލޭޓޯ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އަދި އެ ފައުލާ ގުޅިގެން ރެފުރީ ވަނީ ކަސްޓެލޭޓޯއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މި މޮޅާއެކު ޕީއެސްޖީން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރިއިރު، މި އެ ޓީމުން މި ޓްރޮފީ ކާމިޔާބުކުރި 11 ވަނަ ފަހަރެވެ. އަދި ޕީއެސްޖީ އަކީ ފްރެންޗް ސުޕަ ކަޕުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމެވެ.