ކުޅިވަރު

އިންގްލަންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ފައިނަލް މެޗުގައި ޖަރުމަން ބަލިކޮށް އިންގްލަންޑުން ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗު އިންގްލަންޑުން ކާމިޔާބުކުރީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 2-1 ގެ ނަތީޖާއަކުންނެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން އިންގްލަންޑުން ބައިނަލްއަގުވާމީ އަންހެނުންގެ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ފައިނަލުގައި އިންގްލަންޑުން ޔޫރަޕުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައިވާ ޖަރުމަން ބަލިކުރިއިރު، މިއީ އިންގްލަންޑުން އަންހެން ފުޓްބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ފައިނަލް މެޗު ބަލަން 87،192 (އަށްޑިހަ ހަތްހާސް އެއް ސަތޭކަ ނުވަދިހަ ދޭއް) މީހުން ވަންއިރު، މިއީ ޔޫރަޕުގެ މެޗެއްގެ ބަަލަން އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަން މެޗެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ބާކީ 15 މެޗު އޮއްވައި ކުޅިބެލުންތެރިންގެ ރިކޯޑުވެސް ވަނީ މުގުރާލާފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ 62 ވަނަ މިނެޓުގައި އިންގްލަންޑުން ވަނީ ލީޑު ނަގާފައެވެ. ކެއިރާ ވަލްޝް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލާ ޓޫންއެވެ. އެކަމަކު މެޗުގެ 79 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޓާބެއީ ވަސްމުތު ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލީނާ މެގުލްއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އިންގްލަންޑުން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 110 ވަނަ މިނެޓުގައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްލޯއީ ކެލީއެވެ.

މި މެޗުން މޮޅުވެ މުޅިން އަލަށް އިންގްލަންޑުން އަންހެނުންގެ ޔޫރޯ ކާމިޔާބުކުރިއިރު، އައު ކޯޗު ސަރީނާ ވިއެމަންގެ ކޯޗުކަމުގައި އެ ޓީމުން މިހާރު ވަނީ ބަލިނުވެ 20 މެޗު ހަމަކޮށްފައެވެ.