ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ފިރިހެން އޯޕަން ބައިގެ ތިންވަނަ ބުރުގެ ހީޓު ފަހެއްގައި ވާދަކޮށް ދުނިޔޭގެ ދެވަނައިގައި ރޭންކުކޮށްފައި އޮތް ޓެނާ މެކް ޑެނިއެލް ފަހަތަށް ޖައްސާލައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ވިޒިޓް މޯލްޑިވްސް ޕްރޯގައި އަންގާރަ ދުވަހު ހެނދުނު ކުރިއަށްދިޔަ ފިރިހެން އޯޕަން ބައިގެ ހީޓު ފަހެއްގައި ވާދަކޮށް ކުޑަ އައްޔަ އެއްވަނަ ހޯދީ މި މުބާރާތުގެ މިހާތަނަށް ހޯދި އެންމެ މަތީ ސްކޯއާއެކުގައެވެ. ކުޑަ އައްޔައަ ވަނީ ދެ ރާޅުން 15.55 ގެ ސްކޯއެއް ހޯދައިފައެވެ. އަދި އެއް ރާޅުން ކުޑަ އައްޔަ ވަނީ 8.25 ސްކޯކޮށްފައެވެ. މިއީ އެއް ރާޅުން މިހާމަތިން އަންގާރަ ދުވަހު ސްކޯކުރި އެންމެ މަތީ ސްކޯއެވެ. އަދި މި މުބާރާތުގައި މިހާތަނަށް އެއް ރާޅެއްގައި ހޯދި ސްކޯތަކަށް ބަލާއިރު ދެވަނަ އަށް އެންމެ މަތީ ސްކޯއެވެ.
ކުޑަ އައްޔަ އަތުން މިއަދު ބަލިވި ހަވާއީގެ ޓަނާ އަކީ ބޮޑީބޯޑިންގެ ދުނިޔޭގެ ފެންވަރުގެ އެތައް ރިކޯޑެއް އޮތް އެތުލީޓެކެވެ. އެގޮތުން އޭނާ އަކީ ވޯލްޑް ޓުއާ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރަށް، ބޮޑީބޯޑިންގެ އެންމެ މަތީ ސްކޯ ކަމަށްވާ 20.00 ގެ ސްކޯއެއް ހޯދި ދުނިޔޭގެ ފުރަތަމަ އެތުލީޓެވެ.
ކުދަ އައްޔަގެ އިތުރުން މި މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ހަތަރުވަނަ ބުރުން ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓެ) އާއި، އަސްވާން މުހައްމަދު (ދޫނި) އަދި އިޔާން އަޙްމަދުވެސް ވަނީ ޖާގަ ހޯދާފައެވެ. މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ކުޑަ އައްޔަ ނުކުންނާނީ ފްރާންސްގެ ޔަން ސަލައުންއާ ދެކޮޅަށެވެ.
މެންސް އޯޕަން ކެޓަގަރީގެ އިތުރުން ކުޑަ އައްޔަ ޑްރޮޕް ނީ ކެޓަގަރީގައިވެސް ވާދަކުރެވެ. އެ ކެޓަގަރީގައިވެސް ކުޑަ އައްޔަ އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން ޑްރޮޕް ނީ ކެޓަގަރީގެ ތިންވަނަ ބުރުގައިވެސް ކުޑަ އައްޔަ ވާދަކުރާނެއެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ތިން ބޮޑީބޯޑަރުން ވަނީ ޖާގަ ހޯދާފައެވެ.