ޚަބަރު

"އައްޑޫ ތަރައްޤީކުރާނީ އައްޑޫގެ ވިޔަފާރިވެރިން އެދޭގޮތަށް"


  • އަމާޒަށް ވާސިލްވެވޭނީ އެންމެން ގުޅިގެން ކަމަށް ވިދާޅުވި

  • އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައި

އިޤްތިސާދީ ގޮތުން އައްޑޫ ތަރައްޤީކުރާނީ އައްޑޫގެ ވިޔަފާރިވެރިން އެދޭގޮތަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ރީޖަނަލް ފްރީ ޒޯން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، 2027 އިން 2029 އަށް އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުންކަމަށެވެ.

އަދި އިޤްތިސާދީ ގޮތުން އައްޑޫ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ވިޔަފާރީގެ ދާއިރާއިން އައްޑު އަތޮޅު ތަރައްޤީކުރާނީ އައްޑޫގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު އެ ފަރާތްތަކުން ބޭނުންވާ ގޮތަށްކަމަށެވެ.

ވަޒީރު ވިދާޅުވީ ފްރީ ޒޯންތަކަކީ ރާއްޖެއަށް އައު ކޮންސްޕެޓްތަކެއްކަމަށެވެ. އެހެންނަމަވެސް މިއީ އިންޑަސްޓްރިއަލް ޤައުމުތަކުގައިވެސް ބޭނުންކުރާ ކޮންސެޕްޓެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއަދު އައްޑޫގައި ރީޖަނަލް ފްރީ ޒޯން އިފްތިތާޙްކުރެވިގެންދިއުމާއެކު އެކަމުގެ މަންފާ ވަރަށް އަވަހަށް ފެންނާނެކަމަށެވެ.

"ފްރީޒޯންތަކަކީ ރާއްޖެއަށް ވަރަށް އާ ކޮންސެޕްޓްތަކެއް. އެހެންނަމަވެސް އަޅުގަނޑުމެންނާ ވަރަށް ގާތުގައި ހުރި ގައުމުތަކުން ފެށިގެން ގޮސް އިންޑަސްޓްރިއަލް ގައުމުތަކުގަވެސް އުފައްދާފަހުރި ކޮންސެޕްޓްތަކެއް. މިކަންވެސް ފެށުމާއެކު އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ މީގެ ފައިދާ ކުރާނެ." ވަޒީރު ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކަށްވެސް މިތަނުން އިންވެސްޓްކުރުމަށް ޖާގަ ދޭއިރު، އެފަރާތްތައް ޤަބޫލުކުރާ ފެންވަރަށް ގާނޫނީ އޮނިގަނޑު އޮންނަންޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަށް ވާސިލްވެވޭނީ ބިޒްނަސް ކޮމިއުނިޓީއާއި ސަރުކާރުގެ ވިސްނުމާއި އަދި ސްޓޭކްހޯލްޑަރުންނާއި ގުޅިގެން މަސައްކަތް ކުރެވިގެންކަމަށެވެ.

މި މަސައްކަތަކީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައިވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ އިންވެސްޓްމަންޓް ޒޯންތައް ޤާއިމުކުރުމުގެ ސިޔާސަތެއް އިއުލާނުކުރައްވާފައެވެ.

މި މަސައްކަތުގެ ސަބަބުން އައްޑޫ އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.