ޚަބަރު

ސްކޫލް ބޭރުންވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވާންޖެހޭ: ނައިބް ރައީސް


ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްއިން ބޭރުގައިވެސް އެކިއެކި ކަންތައްތަކުގައި އެހީތެރިވުމަށާއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަން ޖެހޭކަމަށް ނައިބްރައީސް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ފަހިކޮށްދިނުމުގެ ގޮތުން އިމާދުއްދީން ސްކޫލްގައި ޤާއިމްކުރި "ފަންނުވެށި"މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބްރައީސް ފައިޞަލް ނަޞީމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެކިއެކި ބޭނުންތައް ޖެހިފައިވާ ދަރިވަރުނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެގޮތުން ކުރިން އުފެދިފައިނުވާ ވަރަށް ސްކޫލްތަކުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ހުނަރުތައް ތަރައްޤީި ކުރުމަށްޓަކައި އެކި އެކި މަސައްކަތްތައް ފެށިފައިވާކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. މިގޮތުން އެކި ސްކޫލްތަކުގައި އެކި ވަޞީލަތްތައް ޤާއިމްކުރުމާއި މުދައްރިސުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި އެހެނިހެން ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަގިނަ އެހީތެރިކަން ފޯރުކޮށްދީ މަސައްކަތްތަކެއް ފޯރުކޮށްދީފައިވާކަން ނައިބްރައީސް ފާހަގަކުރެއްވިއެވެ.

ނައިބްރައީސް ވިދާޅުވީ ސްކޫލް ތެރިން ދަރިވަރުންނަށް ދޭ ޚިދުމަތްތަކުގެ އިތުރަށް ސްކޫލްއިން ބޭރުގައިވެސް އެކިއެކި ކަންތައްތަކުގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް ފަސޭހަގޮތްތައް ހޯދައިދިނުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަން ޖެހޭކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އެކިއެކި އިދާރާތަކުން އެފަކުދިންނަށް ޚާއްސަކޮށްގެން ވަޒީފާތައް ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ ނައިބްރައީސް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މަސައްކަތް ކުރެވޭނެ ފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ މަސައްކަތްވެސް މެދުކެނޑުމެއްނެތި ކުރަންޖެހޭކަމަށެވެ.

"މިއަދު ފެންނަނީ މި ކަންތައްތަކުގެ ތެރެއިން ވަރަށް މުހިއްމު ކަމެއް. އިތުރަށް ހުނަރު ތަރައްޤީކުރުމަށްޓަކައި ޚާއްސަކޮށް، ކުދިންނަށް ކުއްޖެއްގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި ދަސްކޮށްދެވޭނެ ވަކި ކަންތައްތަކަކަށް ބަލައިގެންއެ އަމާޒަށް ހިފެހެއްޓުމަށްޓަކައި މިއީ ވަރަށް މުހިއްމު ކަމެއް." ނައިބްރައީސް ވިދަޅުވިއެވެ.

ނައިބް ރައީސް ވަނީ ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި މިދާއިރާއަށްޓަކައި އެކިއެކި ތެރަޕީ ދިނުމަށާއި ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އަައްޑޫސިޓީގައި މިފަދަ މަރުކަޒެއް ހުޅުވާފައިވާއިރު ކުޅުދުއްފުށީގައިވެސް މިފަދަ މަރުކަޒެއް ޤާއިމްކުރުމަށް މަސައްކަތްތައް ކުރަމުން އަންނަކަންވެސް ނައިބްރައީސް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ހަމައެކަނި ވިސްނަނީ ވަޞީލަތްތައް ޤާއިމްކޮށް ނިންމާލުން ނޫންކަން ފާހަގަކުރައްވާ ނައިބްރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މީހުން ބިނާކުރުންކަމަށެވެ. މި ދާއިރާގައި ތަޖުރިބާކާރު ދިވެހިން މަދުކަން ފާހަގަކުރައްވާ ނައިބްރައީސް ވިދާޅުވީ ސަރުކާރުން ވިސްނާފައި އޮތީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ޚާއްސަކޮށް މިދާއިރާއަށް މީހުން ބިނާކުރުމަށްކަމަށާއި މިކަމުގެ ނަތީޖާ ފެނިގެންދާނެކަމަށެވެ.