ކުޅިވަރު

ސިޓީއަށް ބަދަލުވާން ގޮމޭޒް އެއްބަސްވުމަކަށް


ބެލްޖިއަމުގެ އެންޑަލެކްޓަށް ކުޅެމުން އަންނަ ސްޕެއިނުގެ 21 އަހަރުގެ ދަށުގެ ޑިފެންޑަރު ސާޖިއޯ ގޯމޭޒް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ބަދަލުވުމާ ގުޅެގޮތުން ދެ ކުލަބުގެ މެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މަޢުލޫމާތުލިބޭގޮތުގައި ދެކްލަބުންވަނީ 13 މިލިއަން ޔުރޯގެ އަގަކަށް އެއްބަސްވެފައެވެ.

ސިޓީއިން ގޯމޭޒް މިގެންދަނީ އެޓީމްގެ ވައާތްފަރާތުން ކުޅޭ ޑިފެންޑަރުން މިވަގުތު މަދުވުމުންނެވެ. ސިޓީއިން ގޯމޭޒްގެ ކުރިން މަސައްކަތް ކުރީ ބްރައިޓަންއަށް ކުޅުނު މާރކް ކުކުރެޔާ އެކްލަބަށް ގެންދެވޭތޯއެވެ. ނަމަވެސް އަގާމެދު އެއްބަސްވުމަކަށް ނާދެވުމުން އެކަންވަނީ ސިޓީއިން ހުއްޓާލާފައެވެ.

ކުކުރެޔާ މިހާރުވަނީ ޗެލްސީއަށް 62.5 މިލިއަން ޕައުންޑްގެ އަގަކަށް ސޮއިކޮށްފައެވެ. ގޯމޭޒް ސިޓީއަށް ގެންދިޔަ ނަމަވެސް އޭނާ ފުރަތަމަ ޓީމަށް ޕްރޮމޯޓް ކުރެވޭވަރު ނުވާކަމަށްވާނަމަ އޭނާ ސިޓީ ފުޓްބޯލް ގްރޫޕްގެ ކްލަބެއް ކަމަށްވާ ސްޕެއިންގެ ގިރޯނާއަށް ލޯން އުސޫލުން ދޫކުރާނެއެވެ.

ގޯމޭޒްއަކީ ބާސެލޯނާގެ އެކެޑަމީއިން ފުޓްބޯޅާއުގެ ތެރެއަށް އައިސްފައިވާ ކުޅުންތެރިޔެކެވެ. އަދި އެއާއެކު އޭނާ ވަނީ ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށް ބަދަލުވެފައެވެ. އަދި މިހާރު ކުޅެމުންދާ އެންޑަރލެކްޓަށް ބަދަލުވުމުގެ ކުރިން ދެ އަހަރު ހުއެސްކާއަށް ދެ އަހަރު ލޯންގެ ދަށުން ކުޅެފައިވެއެވެ. އެންޑަލެކްޓުގައި ގޯމޭޒްވަނީ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ކޯޗް ކަމުގެ ދަށުން ކުޅެފައެވެ.