އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުގެ މެދުތެރެއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ހާވީ އެލިއޮޓް، އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
މިގޮތުން އާ އެއްބަސްވުމުގެ ދަށުން އެލިއޮޓް އެކްލަބްގައި އިތުރު ފަސް އަހަރު މަޑު ކުރާނެއެވެ.
އުމުރުން 19 އަހަރުގެ އެލިއޮޓްގެ ކޮންޓްރެކްޓް މިދިޔަ އަހަރުވެސް ވަނީ އާކޮށްފައެވެ. އަދި މިފަހަރު އަނެއްކާ މިއާކުރެވުނީ އޭނާގެ ކުޅުން ރަނގަޅުވެފައިވާތީ ކަމަށް ލިވަޕޫލުން ހާމަކުރެއެވެ. މެދުތެރެއާ އަރިމަތިން ކުޅެވޭ އެލިއޮޓް 2021 -2022 ވަނަ ސީޒަންގެ ބޮޑު ބައި ހޭދަކުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.
އާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެލިއޮޓް ހާމަކުރިގޮތުގައި ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށްވުރެ ދުނިޔެ މަތީގާ އޭނާ އިތުރަށް އުފާވާނެ ކަމެއް ނެތް ކަމަށެވެ. އަދި ލިވަޕޫލްގައި ގިނަ އަހަރު ތަކެއް ވަންދެން އޭނާ ހުންނާނެކަން ކަށާވަރު ވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އެލިއޮޓްވަނީ އިންގްލަންޑްގެ 21 އަހަރުގެ ޓީމަށްވެސް ތިން ފަހަރު ކުޅެފައެވެ. ނަމަވެސް އަދި އިންގްލަންޑްގ ސީނިއަރ ޓީމުން އޭނާއަށް ޖާގަ ލިބިފައެއް ނުވެއެވެ.
2019 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރުމުގެ ކުރިން އޭނާ ކުޅެމުންދިޔައީ ފުލަމް އެކަޑަމީގައެވެ. އަދި މިފަހަރުގެ ސިޒަންގައި ފުލަމް އާއ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ކުޅެފައެވެ.