ކުލަބު ވެލެންސިއާއަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކަކުލު އޮޕަރޭޝަނެއް ކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ސެންޓޭގެ ކަކުލަށް އަނިޔާވީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ރ. އަލިފުށީގައި ކުރިއަށް ދިޔަ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗުގައެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެ ވެލެންސިއާއިން ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތް ކާމިޔާބުކުރުމުގައި ސެންޓޭގެ ދައުރު ބޮޑެވެ.
އެ އަނިޔާއާ ގުޅިގެން ސެންޓޭއަށް މި ސީޒަނުގެ ގިނަ މެޗުތަކެއް ގެއްލިގެން ދިޔައެވެ. އެގޮތުން އެންމެ ފުރަތަމަ އޮޕަރޭޝަނެއް ނުކޮށް، ހަތަރު މަހެއްހާ ދުވަހު ސެންޓޭ ކުޅުމާ ދުރުގައި ހުރިއިރު، އޭނާ އެނބުރި ދަނޑަށް ނުކުތީ މެއި 11 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ވެލެންސިއާއިން ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
އަދި އޭގެ ފަހުން ގައުމީ ޓީމާއެކު ޖޫން މަހު އުޒްބެކިސްތާންގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ދިޔައިރު، އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ސެންޓޭގެ ކަކުލަށް އަނެއްކާވެސް ވަނީ އަނިޔާވެފައެވެ.
އެއާއެކު ގިނަ ޑޮކްޓަރުންގެ ލަފާގެ މަތިން ސެންޓޭ ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުން އަނިޔާއިން ރަނގަޅުވެ ސެންޓޭއަށް ކުޅުމަށް އެނބުރި އާދެވޭނީ ފަސް މަހެއްހާ ދުވަސް ފަހުންނެވެ.