ނ. މަނަދޫގައި 40 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.
މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް ޢަލީ ޙަމްދޫނެވެ.
މަނަދޫގައި 40 ހައުސިންގ ޔުނިޓް އެޅުމަށް ދޮންބޭޒްއާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މި މަޝްރޫޢަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުންނެވެ.
މި މަޝްރޫޢު ދޮންބޭޒްއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ވިދާޅުވީ، 2008 ވަނަ އަހަރުގެ އެމް.ޑީ.ޕީގެ ސަރުކާރުން މަނަދޫގައި އަޅައިދިން 26 ހައުސިންގ ޔުނިޓަށްވެސް ބޮޑު ޑިމާންޑެއް ލިބުންކަމަށެވެ. މަނަދޫއަކީ އާބާދީ ބޮޑު، ތަރައްޤީވަމުން އަންނަ ރަށެއްކަމުން ބޯހިޔާވަހިކަމުގެ ޑިމާންޑް ރަށުގައި އަދިވެސް އެބައޮތްކަން ފާހަގަކުރައްވާ ހާރޫން ވިދާޅުވީ، މިދައުރުގެ ތެރޭގައި މަނަދޫގައި 50 ހައުސިންގ ޔުނިޓް އަޅައިދިނުމަކީ ސަރުކާރުގެ ވަޢުދެއްކަމަށެވެ. އަދި އެކަން ސަރުކާރުން ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"ރައީސްގެ ވަޢުދުފުޅެއް އެއީ 50 ހައުސިންގ ޔުނިޓު މި ދައުރުގެ ތެރޭގައި މަނަދޫގައި އަޅައިދިނުން. އެހެންވީމަ އަޅުގަނޑަށް ޔަޤީން އެ 50 ހައުސިންގ ޔުނިޓް އަޅުގަނޑުމެންނަށް ލިބޭނެކަން. ޖުމްލަ ގޮތެއްގައި މަނަދޫގެ ހައުސިންގ ނީޑް މިހިސާބަކުން ނުއެއް ނިމޭނެ. މަނަދޫއަކީ އާބާދުވަމުން ތަރައްޤީވަމުން އަންނަ ރަށެއް. އަނެއްކާ އަތޮޅުގެ ގިނަ ބަޔަކު ބޭނުންކުރާ ރަށަކަށްވާތީވެ ރަށުގެ ހައުސިންގ ނީޑް މިއަށްވުރެ ބޮޑުވާނެ. މި ފެށޭ ޕްރޮޖެކްޓަކީވެސް މިގޮތުން މަނަދޫގެ ހައުސިންގ ނީޑަށް ލުޔެއް ލިބިގެންދާނެ ޕްރޮޖެކްޓެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން" މެންބަރު ހާރޫން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މަނަދޫގައި ތަރައްޤީކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 700 އަކަފޫޓު ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ. އަދި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވޭނެކަމަށާއި، ޕާރކަކާއި ވެހިކަލް ޕާކުކުރާނެ ސަރަޙައްދެއް ޤާއިމުކުރެވިގެންދާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މަނަދޫގައި 40 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތަށް 40.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢު ދޮންބޭޒްއާއި ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.