ޚަބަރު

އެމެރިކާގެ އާކެންސޯގައި ޢާންމުންގެ މީހަކަށް އަނިޔާކުރި ތިން ފުލުހަކު ސަސްޕެންޑުކޮށްފި


ނުކިޔަމަންތެރިކަން ދެއްކުމުގެ ކުށުގައި ހައްޔަރު ކުރަން އުޅުނު މީހަކަށް އަނިޔާކުރި އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އާކެންސޯގެ ފުލުހުންގެ ތިން މީހަކު ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފިއެވެ. ފުލުހުންގެ ތިން މީހުން ސަސްޕެންޑު ކޮށްފައި ވަނީ، މަގުމައްޗަށް ވެއްޓިފައި އޮތް މީހަކަށް މި ތިން ފުލުހުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް މީސްމީޑިޔާގައި ޢާންމުވުމާ ގުޅިގެންނެވެ.

މި ވީޑިޔޯއާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އާކެންސޯގެ ކްރޯފޯޑް ކައުންޓީ ޝެރިފްސް އޮފީހުގައި މަސައްކަތް ކުރާ ދެ ފުލުހަކާއި މަލްބެރީ ކިޔާ ރަށެއްގެ ފުލުހެކެވެ. މި ތިން ފުލުހުންގެ ވަނަވަރު ހާމަކޮށްފައި ނުވި ނަމަވެސް، މި ތިން މީހުންގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް އެ ސްޓޭޓްގެ ފުލުހުންގެ އިދާރާއިން ބުނެއެވެ.

ފުލުހުންގެ އަނިޔާވެރި ކަމުގެ މައްސަލަތައް އެމެރިކާގައި ފަހަކަށް އައިސް ވަނީ ވަރަށް އިތުރުވެފައެވެ. އަދި، ޚާއްޞަކޮށް، ކަޅު ނަސްލުގެ މީހުންނަށް ފުލުހުން ހަމަލާދިނުން ވަނީ ޢާންމު ކަމަކަށް ވެފައެވެ. ފަހަކަށް އައިސް ހިނގާފައިވާ މި ފަދަ ހާދިސާތަކުގައި ތެރެއިން އެއް ހާދިސާއަކީ 2020 ވަނަ އަހަރުގެ ޖޫން މަހު ހިނގި ހާދިސާއެކެވެ. އެ ހާދިސާގައި ޖޯޖް ފްލޮއިޑް ކިޔާ ކަޅު ނަސްލުގެ މީހަކު ވަނީ މަރުވެފައެވެ.

އާކެންސޯގައި ހިނގި ހާދިސާގައި ފުލުހުން އަނިޔާކޮށްފައި ވަނީ ދޮން ނަސްލުގެ ފިރިހެނަކަށެވެ. ފުލުހުން އޭނާއަށް އަނިޔާ ކުރުން ހުއްޓައިލާފައި ވަނީ، އެ ސަރަޙައްދުގައި ހުރި ޢާންމުންގެ މީހަކު އެ މަންޒަރު ރެކޯޑު ކުރަމުންދާ ކަން އެނގުމުންނެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އުމުރުން 27 އަހަރުގެ ރެންޑަލް ވޯސެސްޓަރއަށް މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކޮށްފައި ވަނީ، ފިހާރައެއްގެ ތެރޭގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އޭނާއަށް ފުލުހުން ކުރަނީ މީހަކަށް ހަމަލާދިނުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާއެވެ.