ރިޕޯޓް

16 ސައިޓެއްގައި ސަލާމަތީކަންކަން ފުރިހަމައެއް ނޫން


މާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި މިހާރު އިމާރާތް ކުރަމުން އަންނަ، ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށް ތޯ ބެލުމަށް ހައުސިން މިނިސްޓްރީން ބަލަމުންދާ ތަންތަނުގެ ތެރެއިން 16 ސައިޓެއްގައި ސަލާމަތީކަންކަން ރަނގަޅަށް ނެތްކަމަށް ފާހަގަކުރެއްވިއްޖެއެވެ.

ހައުސިން މިނިސްޓްރީން މާލޭގައި ހަދަމުންދާ އިމާރާތްތަކާއި، މީހުން ދިރިއުޅޭ ތަންތަން ޗެކްކުރަމުންދަނީ  ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަ ކުރެވޭތީ އެ ކަންކަން ބެލުމަށެވެ. ހައުސިންގް މިނިސްޓްރީން މި ސާވޭގައި މާލޭގެ ހުރިހާ އިމާރާތަކާއި ކޮންސްޓްރަކްޝަން ސައިޓްތައް ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރވޭގެ ދަށުން މީހުން ދިރިއުޅޭ ތަންތަން ބެލުމުގައި ބެލްކަނި، ސިޑި އަދި ޓެރަސް ފަދަ ތަންތާ ރެއިލިން ހަރުކޮށްފައި ހުރިތޯ އާއި، ލިފްޓް ގޮޅިތައް ސަލާމަތީ ގޮތުން ރައްކާތެރިކޮށްފައިވޭތޯ އާއި، ވެންޓިލޭޝަން ގަވާއިދާއި އެއްގޮތަށް ވައިގޮޅުތައް ހަދާފައި ހުރީ ރަނގަޅަށް ތޯ ދަނީ ބަލަމުންނެވެ. މީގެ އިތުރަށް އާންމުންނަށް ހިދުމަތްދޭ ތަންތަން ހުރީ ނުކުޅެދޭ ފަރާތްތަކަށް ވަދެ ނުކުމެވޭ ގޮތައްތޯ ވެސް ބަލަމުންދާކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

ޑިސެމްބަރ މަހު ހަައުސިންގ މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭތަންތަން ބަލަން ފަށާފައެވެ. އެގޮތުން ޖެނުއަރީމަހުގެ މަހުގެ ނިޔަލަށް ބަލާފައިވާ 127 ކޮންސްޓްރަކްޝަން ސައިޓްގެ ތެރެއިން 16 ސައިޓެއްގައި މައްސަލައުޅޭކަން ފާހަގަކުރެވިފައިވާއިރު، މީހުންދިރުއުޅޭ ތަންތަނުގެ ތިންހާހަށްވުރެ ގިނަ ތަންތަން ވަނީ ބަލާފައެވެ. މައްސަލަ ފާހަގަކުރެވިފައިވާ ތަންތަނާއި މެދު މާލޭ ޕްލޭނިންގް ޤަވާޢިދާއިި އެއްގޮތަށް އަމަލުކުރަމުންދާނޭކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

އެހެން ނަމަވެސް މީހުން ދިރިއުޅޭތަންތަނުގައި މައްސަލަ ފާހަގަވެފައިވަނީ ކިތައްތަނުގައި ކަމެއް ހައުސިންގް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ. 

އިމާރާތް ކުރުމުގެ ގަވާޢިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ހައުސިންގް މިނިސްޓްރީން ފަށާފައިމިވަނީ އިމާރާތުގެ ބެލްކަނިން މީހުން ވެއްޓި ހިތާމަވެރި ޙާދިޞާތައް ހިނަގަމުންދާތީ އެކަން ޙައްލުކުރުމުގެ ގޮތުންނެވެ.

ސަރވޭގެ 60 އިންސައްތަ މިހާރު ނިމިފައިވާއިރު، ސަރވޭ ނިމޭނެ ދުވަހެއް އަދި އަންދާޒާކުރަން ނޭގޭ ކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއެވެ.