ކުޅިވަރު

ލޯނު އުސޫލުން ޕީއެސްޖީގެ ޑްރެކްސްލާ ބެންފީކާއަށް


ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އައި ޖަރުމަނުގެ ޖޫލިއަން ޑްރެކްސްލާ، ލޯނު އެއްބަސްވުމެއްގެ ދަށުން ޕޯޗުގަލުގެ ބެންފީކާއަށް ބަދަލުވެއްޖެއެވެ.

ރިޕޯޓުތަށް ބުނާގޮތުން ޑްރެކްސްލަރ ބެންފީކާއަށް ބަދަލުވެފައިވަނީ މިސީޒަންގެ ނިޔަލަށެވެ.

އުމުރުން 28 އަހަރުގެ މި ކުޅުންތެރިޔާ ޕީއެސްޖީއަށް ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރު 35.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އޭނާވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގުގެ ތަށި ހަތަރު ފަހަރު ހޯދާފައެވެ. ޓްރާންސްފަރ ބާޒާރުގެ ފަހު ދުވަސް ވެގެންގޮސްފައިވަނީ ޕީއެސްޖީއަށް ވަރަށް ބާރު ބޮޑު ދުވަހަކަށެވެ. މިގޮތުން ޑްރެކްސްލަރ ޓީމް ދޫކޮށް ދިޔައިރު ސްޕެނިޝް ލަލީގާގެ ވެލެންސިއާއަށް ކުޅެމުންދިޔަ ކާލޯސް ސޮލަރވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުން ޕީއެސްޖީއަށް ސޮއިކޮށްފައެވެ.

އޭނާވަނީ ވެލެންސިއާއަށް 226 މެޗް ކުޅެދީ 2019 ވަނަ އަހަރު ކޮޕާ ޑެލް ރޭ ކަމިޔާބުކުރުމުގައި އެހީތެރިވެދީފައެވެ. މީގެއިތުރުން ނަޕޯލީއަށް ކުޅެމުންދިޔަ ފަބިއަން ރުއިޒްވެސް ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ސޮއިކޮށްފައެވެ. އަދި އާޖެންޓީނާގެ ލިއާންޑްރޯ ޕަރެޑޭސްވަނީ އެޓީމް ދޫކޮށް އިޓާލިއަން ސެރިއާގެ ޔުވެންޓަސްއަށް އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެދަށުން ބަދަލުވެފައެވެ. އަދި ޕީއެސްޖީއަށް ކުޅެމުންދިޔަ ސެނެގާލްގެ ކުޅުންތެރިޔާ އިދްރީސާ ގުއޭޔޭ ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއަރ ލީގުގެ އެވަޓަންއަށް ސޮއިކޮށްފައެވެ.

ހަމައެއާއެކު ފަރަންސޭސިވިލާތުގެ ލޭވިން ކަރޒާވާ ފުލަމްއަށް ބަދަލުވެފައިވާ އިރު ސެނެގާލްގެ ޑިފެންޑަރ އަބްދޫ ޑިއާލޯވަނީ ޖަރުމަނު ބުންޑަސްލީގާގެ އާރްބީ ލިޕްޒިގަށް ބަދަލުވެފައެވެ. އަދި ސްޕެއިންގެ އެންދަރ ހެރޭރާ ވަނީ އެތްލެޓިކް ބިލްބާއޯއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެފައެވެ.