އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބިގެންދިޔަ ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ގެއްލިއްޖެއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިއީ މިދިޔަ ސީޒަންގެ ފަހު މެޗްގައި ފަހަތުން އަރާ ސިޓީން ވިލާ ބަލިކޮށް ލީގު ކާމިޔާބުކުރި ފަހުން މިދެޓީމް ބައްދަލުކުރި ފުރަތަމަ މެޗެވެ.
މެޗްގެ ފުރަތަމަ ހާފްގައި ސިޓީން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ވިލާގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ސިޓީއަށް ފޮނުވާލެވޭގޮތެއް ނުވިއެވެ. މި ހާފްގައި ވިލާއިން ދިޔައީ ވަރަށް ރަނގަޅަށް ޑިފެންޑުކުރަމުންނެވެ. މެޗްގެ ފުރަތަމަ ލަނޑު 50 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު އެޓީމަށް ޖަހަދިނީ އިތުބާރު ފޯވަޑް އަރލިން ހާލަންޑެވެ. މިއީ އޭނާ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗްގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.
މި ލަނޑުގެ އިތުރުންވެސް އޭނާ ފޮނުވާލި ދެ ހަމަލާއެއް ވަނީ ވިލާގެ ކީޕަރ އެމިލިއާނޯ މާޓިނޭޒް ދިފާއުކޮށްފައެވެ. އަދި ކެވިން ޑި ބްރައިނާ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލްގެ ހުރަސް ދަނޑީގައި ޖެހި ބޭރަށް ގޮސްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި މެޗުގައި ވިލާއިން ސިޓީގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއިން މެޗްގެ ނަތީޖާ އެޓީމުން ހަމަހަމަ ކުރުމެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ލިއޮން ބެއިލީއެވެ.
ސިޓީން މެޗްގައި އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. މިމެޗް އެއްވަރުވުމާއެކު ތާވަލްގެ އެއްވަނައަށް އެރުމަށް ސިޓީއަށް ލިބިގެންދިޔަ ފުރުސަތު ވަނީ ގެއްލިފައެވެ. އަދި މިހާރު ކުޅުނު ހަ މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު އުޅެނީ ތާވަލްގެ ދެވަނައިގައެވެ.
އެއްވަނައިގަ އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައިވާ އާސެނަލްއެވެ. އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ އެޓީމަށް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. މެޗް އެއްވަރު ވުމުން ލިބުނު ޕޮއިންޓާއެކު ވިލާ މިހާރު އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.