ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވާ އަންހެނުންގެ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕުގެ ދިވެހިވަންތަ ލޯގޯ އާންމުކޮށް ދައްކާލައިފިއެވެ.
އެކަމަށްޓަކައި ތައުލީމާ ބެހޭ ވުޒާރާގައި އާދީއްތަ ދުވަހު ބޭއްވި ހަފުލާއެއްގައި ލޯގޯ ލޯންޗުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުޚް ލޫފާއި ތައުލީމާ ބެހޭ ވަޒީރު އައިޝަތު އަލީއެވެ.
ދެކުނު އޭޝިއާގެ ހަ ގައުމެއް ވާދަކުރާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ މި މަހުގެ 24 އިން 30 ގެ ނިޔަލަށެވެ. ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، ސްރީ ލަންކާ އަދި ބޫޓާނެވެ. މި މުބާރާތް ކުރިއަށްދާނީ ރައުންޑް ރޮބިން އުސޫލުންނެވެ.
ލޯގޯ ދައްކާލުމަށް ބޭއްވި މި ހަފުލާގައި މުބާރާތުގައި ވާދަކުރާ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ އިތުރުން އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދެ ވަޒީރުން ވަނީ ޓީމަށް ހިތްވަރުދެއްވައި، ކާމިޔާބީ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަވަމުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) ވިދާޅުވީ މި ލޯގޯގައި ދިވެހިވަންތަ ގިނަ ސިފަތަކެއް އެކުލެވޭ ކަމަށެވެ. އެގޮތުން ތުނޑުކުނަލުގެ ޑިޒައިން ފެންނަ ގޮތަށް ބާސްކެޓްބޯޅައެއް ރަމްޒުވާއިރު، ކަނޑުތަކާ އިރުއޮއްސޭ މަންޒަރު އަދި އަތޮޅުތަށް މި ލޯގޯއިން ރަމްޒުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ މަސައްކަތް ފަށާފައެވެ. އެގޮތުން އިންޑިއާ އާއި ތައިލެންޑުގައި ޓީމު ކޭމްޕުކުރި އިރު، އެކުވެރިކަމުގެ މެޗުތަކެއްވެސް ވަނީ ކުޅެފައެވެ. މި ވަގުތު ޓީމު މާލޭގައި ހަރަކާތްތެރިވަމުން އަންނައިރު، މާލޭގައިވެސް ފަރިތަކުރުންތައް ދަނީ ކުރިއަށެވެ.
މިއީ އަންހެން ބާސްކެޓްބޯޅަ ތާރީޚުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ރާއްޖޭގެ އަންހެން ޓީމުން ވަނީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޓީމަށް ލޯ މެޑެލް ހޯދައިދީފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ރާއްޖޭގައި ވަނީ ފިރިހެނުންގެ ސާބާ ޗެމްޕިއަންޝިޕް ބާއްވާފައެވެ.