އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން ބާއްވާ އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ސުޕަ ފޯގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފިއެވެ.
ޕާކިސްތާނުން މި މެޗު ކާމިޔާބުކޮށްފައިވަނީ ފަސް ވިކެޓުންނެވެ.
މި މެޗުގައި ޓޮސް ދިމާވެގެން ޕާކިސްތާނުން ބޭނުންވީ އެންމެ ފުރަތަމަ ހޮވުމަށެވެ. އެއާއެކު އިންޑިއާއިން އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 181 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 60 ލަނޑު ހަދައިދިން ވިރާޓް ކޯލީއެވެ. އަދި މި އިނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 31 ލަނޑަށް ދެ ވިކެޓް ނަގައިދިން ޝަދާބެވެ.
ޖަވާބުގައި ޕާކިސްތާން ކުޅެން އަރައި 20 އޯވަރު ހަމަވާން އެއް ބޯޅައަށް ވެފައިވަނިކޮށް ވަނީ 182 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މި އިނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 71 ލަނޑު ހެދި މުހައްމަދު ރިޒްވާނާއި 42 ލަނޑު ހެދި މުހައްމަދު ނަވާޒެވެ.
މި މެޗުން ޕާކިސްތާން މޮޅުވިއިރު، މި މުބާރާތުގައި މީގެ ކުރިން އިންޑިއާއިން ވަނީ ޕާކިސްތާން ބަލިކޮށްފައެވެ.
ޔޫއޭއީގައި ކުރިއަށްދާ މި މުބާރާތަކީ ކުރިއަށް އޮތް ޓީ20 ވޯލްޑް ކަޕަށް ތައްޔާރުވާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. މިމުބާރާތުގެ ސުޕަ ފޯގައި ދެން ހިމެނެނީ ސްރީ ލަންކާ އާއި އަފްޣާނިސްތާނެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ވަދަކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ.