ކުޅިވަރު

ވަރުގަދަ އޭދަފުށި ބަލިކޮށް ޗެލްސީ ފައިނަލަށް


އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވަރުގަދަ ކުލަބު އޭދަފުށި ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތައް ނުކުތް އޭދަފުށި ޓީމު ލީގު ބުރުގައިވެސް ވަނީ ޗެލްސީ އަތުން ބަލިވެފައެވެ. އެ މެޗުން އޭދަފުށި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

އަދި އާދީއްތަ ދުވަހު ހަވީރު ހިންނަވަރު ޓާފް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗު ޗެލްސީން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު އޭދަފުށިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޗެލްސީގެ ގޯލްކީޕަރު އަދި އެ ޓީމުގެ ޑިފެންޑަރުން ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަވީން މުޙައްމަދާއި ހުސައިން ފައިސަލް (ފައިޓޯ) އެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް އޭދަފުށިން މެޗު ކޮންޓްރޯލްކޮށް ޗެލްސީގެ ގޯލަށް ނުރައްކާކުރި ނަމަވެސް، ޗެލްސީން ވަނީ ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ލީޑު ފުޅާކޮށްފައެވެ. މި ހާފުގައި ޗެލްސީން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުޙައްމަދު ނަޝީދެވެ.

މި ނަތީޖާއާއެކު ޗެލްސީ ފައިނަލަށް ދަތުރުކުރިއިރު، އޭދަފުއްޓަށް ފައިނަލުގެ ޖާގައެއް ހޯދޭނީ ސެމީ ފައިނަލް ދެވަނަ މެޗުގައި ހިންނަވަރު ސްޕޯޓްސް ކުލަބާއި ވެލިދޫ ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ތިންވަނަ ސެމީ ފައިނަލް މެޗުގައި ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50.000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް 15.000 ރުފިޔާ ލިބޭނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ. އެ މެޗު "ޔެސް ޓީވީ" އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.