ޚަބަރު

އެމެރިކާއާއި އޭޝިއާގެ ޤައުމުތަކުގެ ވިޔަފާރީގެ މަޝްވަރާތައް ފަށައިފި


ގާތްގަނޑަކަށް ގަރުނެއްހާ ދުވަސްފަހުން ފުރަތަމަ ފަހަރަށް އެމެރިކާއާއި އޭޝިއާ ޕެސިފިކްގެ 13 ޤައުމެއްގެ އިޤްތިޞާދާބެހޭ ވަޒީރުންގެ ވިޔަފާރީގެ މަޝްވަރާތައް ފަށައިފިއެވެ.

ލޮސް އެންޖެލިސްގައި ފަށާފައިވާ އިންޑޯ ޕެސިފިކް އިކޮނޮމިކް ފްރޭމްވޯކް މަޝްވަރާތަކުގައި މާކެޓް ޑްރައިވް އިޤްތިޞާދުތަކުން ވިޔަފާރިއާއި ޑޭޓާ ފްލޯއާއި ތިމާވެށްޓާއި ލޭބަރ ސްޓޭންޑަޑްތަކާއި ސަޕްލައި ޗޭންތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ފުޅާ ޕްލެޓްފޯމެއް ކަނޑައެޅުމަށް މަސައްކަތް ކުރާނެއެވެ.

މި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާނީ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ކެތަރިން ޓައި އާއި ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯ އެވެ. އިންޑޯ ޕެސިފިކްގެ މަޝްވަރާތައް މެއި މަހު ޓޯކިޔޯއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

2017 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 12 ޤައުމެއްގެ ޓްރާންސް ޕެސިފިކް ޕާޓްނަޝިޕް ޓްރޭޑް ޑީލް، ޓީޕީޕީ ދޫކޮށްލެއްވި ފަހުން އޭޝިއާ ޕެސިފިކް ރީޖަންގައި އެމެރިކާގެ މާބޮޑު އިޤްތިޞާދީ ބާރެއް ނެތެވެ. މިކަމުގެ ސަބަބުން ޗައިނާގެ ސަރަޙައްދީ ނުފޫޒު ފުޅާކުރުމަށް މަގުފަހުވެގެން ދިޔައެވެ.

ޓީޕީޕީގެ ދެ އަހަރަށް ވުރެ ގިނަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ސަބަބުން 2015 ވަނަ އަހަރު އެއްބަސްވުމެއް ހެދި ނަމަވެސް ޓެރިފް ކަނޑާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ނާކާމިޔާބުވުމުން އެމެރިކާގެ ކޮންގްރެސް އިން އެ އެއްބަސްވުން ތަސްދީގެއް ނުކުރެއެވެ.

މި މަޝްވަރާތަކުގައި އޮސްޓްރޭލިއާ، ބްރޫނާއީ، ފިޖީ، އިންޑިއާ، އިންޑޮނޭޝިއާ، ޖަޕާން، ދެކުނު ކޮރެއާ، މެލޭޝިއާ، ނިއުޒީލެންޑް، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް އަދި ވިއެޓްނާމްގެ ވަޒީރުން ބައިވެރިއެވެ. ނަމަވެސް މި މަޝްވަރާތަކުގައި ހުރިހާ ޤައުމުތަތަކުން ބައިވެރިވާނެކަން ކަށަވަރެއް ނޫނެވެ.

މަޝްވަރާތަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ވިޔަފާރި، ލޭބަރ އަދި ޑިޖިޓަލް ސްޓޭންޑަޑްސް، ސާފު ހަކަތައާއި ޑީކާބޮނައިޒޭޝަން، ސަޕްލައި ޗޭން ރެސިލިއެންސް އަދި ޓެކްސް ނެގުމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހިމެނެއެވެ.