އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަންގައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ "އެއްޤަމު ދަތުރު ފަތުރު ޤާނޫން"ގެ ދަށުން އެކުލަވާލާފައިވާ "އެއްޤަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު"ގެ 8 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގައިވާ ފަދައިން ނޫންކަމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ވަނީ އަންގާފައެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދުގައިވާގޮތުން އެއްގަމުގައި އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށްފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ޤަވާއިދުގައި ފާހަގަކޮށްފައިވާގޮތަށް ނަންބަރު ހަރުކުރުމަށްފަހުއެވެ.
އެގޮތުން ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. އަދި ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެގޮތްވެސް ކުރެހުމާއެކު މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށްވުރެ ދިގުކޮށް ރަޖިސްޓްރީ ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ މަނާކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި، އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަގޮތަށް ހަދައިގެން ބޭނުންކުރުމަކީވެސް މަނާކަމެކެވެ.
ހަމައެހެންމެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީވެސް މި ޤަވާއިދުގެ ދަށުން މަނާކަމެކެވެ.
މި ޤަވާއިދުގެ ދަށުން ވިޔަފާރި އުޞޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. އަދި ކޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.
މި ނޫން އެހެން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ. މިއާ ޚިލާފަށް އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހަރުކޮށްގެން ބޭނުންކުރުމާއި، ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ.