ޚަބަރު

ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް ފަށަނީ


މިނީ ބަހުގެ ޚިދުމަތް ދިނުމަށްމަށްޓަކައި މާލޭގައި ޤާއިމްކޮށްފައިވާ ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މިނީ ބަހުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ބަސްހުއްޓިތައް ހިޔާކޮށްފައެއް ނެތެވެ. މިއާއެކު ބަހައް އިންތިޒާރު ކުރާ މީހުން ތިބެންޖެހެނީ އަވީގައެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި އެމްޓީސީސީން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަސް ހުއްޓިތައް ހިޔާކުރުމަށް ބޭނުންވާ ސާމަނު ތައްޔާރުކުރުމުގެ މަސައްކަތް ތިލަފުށީގައި ކުރަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް އެ ސަރަޙައްދުތައް ހިޔާ ކުރުމުގެ މަސައްކަތް ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާރްޓީއެލްގެ ޚިދުމަތް ދިނުމަށް 18 ބަސް އޮވެއެވެ. 3ރޫޓަކުން، 40އަށްވުރެ ގިނަ ސްޓޮޕަށް ބަސް މަޑުކުރެއެވެ. ބަސް ސްޓޮޕްތައް ހަދާފައިވަނީ މާލޭގެ ކޮންމެ ސަރަޙައްދަކުންވެސް 10މިނެޓުން ހިނގާލާފައި ދެވޭހާ ކައިރީގައެވެ.

މިނީ ބަހުގެ ޚިދުމަތް ވެފައި މިވަނީ އާއްމުން ވަރަށް ބޮޑަށް ބަރޯސާވާ ޚިދުމަތަކަށެވެ. ބަހުގެ ޚިދުމަތް މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ ހޯދާފައެވެ. 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ސްކޫލް ކުދިންނަށް އެމްޓީސީސީގެ ބަސްދަތުރުތައް ހިލޭ ކުރެވޭނެއެވެ. އެމްޓީސީސީން ވަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް އިތުރު ދެ ހަފްތާއަށް ހިލޭ ދަތުރުކުރެވޭ ގޮތް ހަދާފައެވެ. މިގޮތަށް ނިންމާފައިވަނީ މި ޚިދުމަތަށް އާއްމުން ހޭލުންތެރިކޮށް، ޓިކެޓް ނެގުމަށް ބޭނުންކުރާ އާރްޓީއެލް އެޕްލިކޭޝާނާއި، ޕޯޓަލްއަށް އާއްމުން ފަރިތަކުރުމަށް އިތުރަށް ވަގުތު ބޭނުންވާތީއެވެ.

މިނީ ބަހުގެ އަގުތައް ސަރުކާރުން ކަނޑައަޅާފައިވަނީ އާއްމުންނަށް ވީހާވެސް ލުއިފަސޭހަވާނެގޮތަށް، ވީހާވެސް ކުޑަ އަގެއްގައެވެ. މިނީ ބަހުގެ ދަތުރެއްގެ އަގަކީ މާލެތެރޭގައި 7 ރުފިޔާއެވެ. މިއީ އާއްމުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މާލޭތެރޭގައި ޓެކްސީ ދަތުރުކުރަނީ 30 ރުފިޔާއަށެވެ. 28 ރުފިޔާއަށް މިނީ ބަހުގެ 4 ދަތުރު ކުރެވެއެވެ. އަދި މިއީ ޔަގީންކަން އޮތް ދަތުރުފަތުރުގެ ނިޒާމެކެވެ.