ބާސްކެޓްބޯޅައަށް ޚާއްސަ ފެންވަރު ރަނގަޅު އެރީނާއެއް ވަރަށް އަވަހަށް ގާއިމުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެރޭ ފެށި ސާބާ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ބާސްކެޓް ބޯޅައަށް މަދުވަނީ ބާސްކެޓް ކުޅޭނެ ފެންވަރު ރަނގަޅު ވަސީލަތްތެއް ކަމަށާއި، އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ 125 މިލިއަން ރުފިޔާގެ އަގުބޮޑު ބާސްކެޓް އެރީނާއެއް އެޅުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި، އެކަން ލަސްވެގެންދިޔައީ، ކޮވިޑްގެ ހާލަތާއި ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
ބާސްކެޓް ކުޅޭނެ ފެންވަރު ވަސީލަތެއް ނެތުން އެއީ ބާސްކެޓް އާއިލާއިން އަބަދުވެސް ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. އެގޮތުން ބާސްކެޓަށް ހާއްސަ އިންޑޯ ކޯޓެއް ނެތުމުގެ މައްސަލަ ދިމާވާކަމަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ފާހަގަކޮށްފައެވެ.
މިހާރު ބާސްކެޓް ކުޅެމުން އަންނަ އިންޑޯ ކޯޓަކީ، ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓެވެ. އެ ކޯޓަކީ ބާސްކެޓްގެ އިތުރުން ވޮލީބޯޅަ އަދި ނެޓްބޯޅަ ކުޅުމަށްވެސް ބޭނުން ކުރަމުން އަންނަ ކޯޓެވެ. މީގެ އިތުރުން ޓީޓީގެ މުބާރާތްތައް ވެސް ބޭއްވުމަށް ބޭނުން ކުރަމުން އަންނަނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓެވެ.