ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސީ ހަތަރެއްގައި ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗު ބަލްގޭރިއާއިން ކާމިޔާބުކޮށްފިއެވެ.
މިފަހަރުގެ މުބާރާތުގައި މި ދެ ޓީމް ކުޅުނު ފަހު މެޗް ބަލްގޭރިއާއިން ކާމިޔާބުކުރީ ރަށުން ބޭރުގައި ކުޅެ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ބަލްގޭރިއާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ މެސެޑޯނިއާ އެވެ. މި މެޗްގެ 14 ވަނަ މިނެޓްގައި ނޯތު މެސެޑޯނިއާގެ ޓޯޑޯ ޓޮޑޮރޯސްކީއަށް ސީދާ ރަތްކާޑެއް ދެއްކުމާއެކު އެޓީމް މެޗްގެ ބާކީ ބައި ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ.
މެޗްގައި ބަލްގޭރިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކިރިލް ޑެސްޕޮޑޯވްއެވެ. މެޗްގައި އިތުރު ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މި ކާމިޔާބީއާއެކު މިފަހަރުގެ ނޭޝަންސް ލީގު ބަލްގޭރިއާއިން މި ނިންމާލީ ހަ މެޗުން ލިބުނު 9 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގާ އޮވެގެންނެވެ. މި ގްރޫޕުން އެއްވަނައަށް ދިޔައީ 16 ޕޮއިންޓް ހޯދި ޖޯޖިއާ އެވެ. އަދި ނޯތު މެސެޑޯނިއާ ދިޔައީ ހަތް ޕޮއިންޓާއެކު ތިންވަނައަށެވެ.