ޔުއެފާ ނޭޝަންސް ލީގު ގްރޫޕް ބީ ތިނެއްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗު ރޫމޭނިއާއިން ކާމިޔާބުކޮށްފިއެވެ.
ރޫމޭނިއާ ގައި ކުުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ބޮސްނިއާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ރުމޭނިއާއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ރުމޭނިއާއިންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޑެނިސް މާން އެވެ. އަދި މެޗްގެ 73 ވަނަ މިނެޓްގައި ޖޯޖް ޕުސްކާސް ޖަހާދިން ލަނޑުން ރުމޭނިއާވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ.
މެޗްގައި ބޮސްނިއާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ އެޑިން ޖެކޯއެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެމިނެޓްފަހުން އަންޑްރެއި ރަޓިއު ޖަހާދިން ލަނޑުން އަނެއްކާވެސް ރުމޭނިއާއިން ދެ ގޯލްގެ ލީޑެއް ނެގިއެވެ. އަދި މިމެޗްގައި ރުމޭނިއާގެ ފަހު ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ޕުސްކާސްއެވެ.
މި ކާމިޔާބީއާއެކު ވެސް ރުމޭނިއާ ވަނީ ލީގް ސީއަށް ރެލިގޭޓްވެފައެވެ. އެއީ ކުޅުނު 6 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތިންވަނައިގާ އުޅޭ މޮންޓެނެގްރޯ އާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަ ކުރެވުނު ނަމަވެސް ފައިދާ ގޯލްއިން މޮންޓެނެގްރޯއަށް ކުރި ލިބޭތީއެވެ. މިމެޗުން ބަލިވުމާއެކުވެސް ބޮސްނިއާ މިވަނީ ލީގް އޭއަށް ޕްރޮމޯޓްވެފައެވެ. އެއީ ކުޅުނު ހަ މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކުއެވެ. މި ގްރޫޕުން ދެވަނައަށް ދިޔައީ 8 ޕޮއިންޓާއެކު ފިންލަންޑެވެ.