ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު: މާލޭ ވެޓެރަންސްގެ ރިކޯޑު ނިމުމަކަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި މާލެ ސްޕޯޓްސް ކުލަބު އަތުން ބަލިވެ މާލެ ވެޓެރަންސްއިން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑަށް ނިމުން އަތުވެއްޖެއެވެ.

އަންގާރަ ދުވަހު ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުން މާލޭ ވެޓެރަންސް ބަލިވީ މާލޭ ސްޕޯޓްސް އަތުން ހަތް ލަނޑުންނެވެ. މި މެޗުން މާލޭ ވެޓެރަންސް ބަލިވިއިރު، މި މެޗުގެ ކުރިން ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެއާއެކު ލީގުގައި މިހާރު މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ މިހާތަނަށް ހަތަރު މެޗު ކުޅެފައިވާ މިލާން ކްރިކެޓް އެކެޑަމީއެވެ.

އަންގާރަ ދުވަހު ހެނދުނު ކުޅުނު މެޗުގެ ގުރު ދިމާވުމުން މާލެ ވެޓެރަންސްއިން ނިންމީ އުކުމަށެވެ. އެއާއެކު މާލޭ ސްޕޯޓްސް އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 129 ލަނޑު ހަދާފައެވެ، އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 43 ބޯޅައިން 48 ލަނޑު ހެދި މުޙައްމަދު ރިޝްވާނާއި 17 ބޯޅައިން 25 ލަނޑު އެއްކުރި މުޙައްމަދު ޝިޔާމެވެ.

ޖަވާބުގައި މާލެ ވެޓެރަންސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 36 ލަނޑު ހެދި ޗަންދަނާ އަމަރަވިކްރަމައެވެ.

މި ނަތީޖާއާއެކުވެސް ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ މާލެ ވެޓެރަންސްއެވެ. އެއީ ދެވަނައިގައި އޮތް މިލާން ކްރިކެޓް އެކެޑަމީއާ އެއްވަރަށް 12 ޕޮއިންޓް ލިބުނު ނަމަވެސް، ނެޓް ރަން ރޭޓުން ކުރިލިބޭތީއެވެ.

މީގެ އިތުރުން މި މުބާރާތުގައި އަންގާރަ ދުވަހުގެ މެންދުރުފަހު ކުޅުނު މެޗުން ކޮމެޓްސް ކްރިކެޓް ކުލަބުގެ މައްޗަށް ވިޔަންސާ ވަނީ ހަތް ވިކެޓުން ކުރި ހޯދާފައެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ކޮމެޓްސް ކުޅެން އަރައި 19.5 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ބޯޅައިން 27 ލަނޑު ހެދި އިބްރާހީމް ސަދޫފެވެ. ޖަވާބުގައި ވިޔަންސާ ކުޅެން އަރައި 7.2 ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 99 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 57 ލަނޑު ހެދި ސައީދުލް އިސްލާމެވެ.

މި ނަތީޖާއާއެކު ފަސް މެޗުން 10 ޕޮއިންޓް ހޯދައި ވިޔަންސާ ވަނީ ތިންވަނައަށް ޖެހިލާފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.