ކުޅިވަރު

އަންނަ ހުކުރު ދުވަހަށް ރެހެންދި ދަނޑުގެ މަސައްކަތް ނިމޭނެ: ފުއާދު


އަންނަ ހުކުރު ދުވަހުގެރޭ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ފަށާއިރު، އެ ދުވަހަށް ރެހެންދި ދަނޑުގެ މަސައްކަތް ނިމޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރު އަޙްމަދު ފުއާދު ވިދާޅުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ރެހެންދި ދަނޑުގެ މަރާމާތުގެ މަސައްކަތް ފަށާފައިވަނީ މި ހަފުތާގެ ތެރޭގައެވެ. ރެހެންދި ދަނޑަކީ ރާއްޖޭގައި ބާއްވާ ބޮޑެތި ފުޓްސަލް މުބާރާތްތައް ބާއްވަމުން ގެންދާ ދަނޑެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރު ފުއާދު ވިދާޅުވީ މި މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، މި މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަރަށް ގާތުން ބައްލަވަމުންގެންދަވާ ކަމަށެވެ. އަދި މި މަސައްކަތް ފެށިގެންދިޔައީ އެޗްޑީސީގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގައި ކަމަށް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެންމެ ލަސްވެގެން ދަނޑުގެ މަސައްކަތް އަންނަ މަހު އެއްވަނަ ދުވަހު ނިމޭނެ ކަމަށާއި، އަދި ދަނޑުގެ ޕިޗަކީ ރާއްޖެއިން ލިބެންހުރި އެންމެ ކޮލެޓީ ޕިޗު ކަމަށެވެ.

ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު ކުލަބު މޯލްޑިވްސް އިންތިޒާމުކުރާ ފަރާތްތަކުންވެސް އަންނަނީ ދަނޑުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަމުންނެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކުލަބު މޯލްޑިވްސްގެ ވައިސް ޗެއާމަން އިބްރާހީމް އަޝްރަފް ވިދާޅުވީ މި މަސައްކަތުން ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުޅިވަރާ ބެހޭ ވަޒީރު ކުޅިވަރަށް ދެއްވާ އަހަންމިއްޔަތު ކަމަށެވެ.

އަޝްރަފް ވިދާޅުވީ މި ދަނޑުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ދަނޑު ހަލާކުނުވެ މެނޭޖުކުރުން އެއީ މުހިންމު ކަމެއް ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބާއްވާ ފުޓްސަލްގެ އެެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕާއި ގޯލްޑަން ފުޓްސަލް ޗެލެންޖުވެސް ބޭއްވިގެންދަނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.