ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގު ކޮލިފައިންގައި އަޔަކްސް ބަލިކޮށް ގްރޫޕް ސްޓޭޖުން އާސެނަލް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ގްރޫޕް މަރްހަލާއިން އާސެނަލް ޖާގަހޯދީ ކޮލިފައިންގައި އަޔެކްސްއާ ބައްދަލުކޮށް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އާސެނަލްގެ ދަނޑުގައި ކުޅެ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން ގްރޫޕް މަރްހަލާއިން ޖާގަހޯދަން ބޭނުންނަމަ ރޭ ކުޅުނު ދެވަނަ ލެގުން އާސެނަލްއަށް މޮޅުވުން އޮތީ މަޖްބޫރުވެފައެވެ.
ރޭ ރަށުން ބޭރުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެތީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ ވިވިއެން މިއެޑެމާއެވެ. މިމެޗްގައި މީގެއިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ. އަދި ހާއްސަކޮށް މެޗްގެ ފަހު ވަގުތުކޮޅުވެ ތެރޭގައި އަޔެކްސްއިން ވަނީ އާސެނަލްގެ ގޯލަށް ވަރަށް ނުރައްކާ ކޮށްފައެވެ.
މިކާމިޔާބީއާއެކު އާެސެނަލް ވިމެން މިވަނީ ގްރޫޕް މަރްހަލާއަށް ކޮލިފައިވެފައެވެ. މިމުބާރާތުގެ ގްރޫޕް މަރްހަލާއިންވަނީ ޔުވެންޓަސް ފެމިނިލޭ އާއި ރެއާލް މެޑްރިޑް ފެމެނީނޯވެސް ޖާގަހޯދާފައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ.