ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގު ކޮލިފައިންގައި ރޭންޖާސް ބަލިކޮށް ގްރޫޕް ސްޓޭޖުން ބެންފީކާ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ގްރޫޕް މަރްހަލާއިން ބެންފީކާ ޖާގަހޯދީ ކޮލިފައިން ދެވަނަ ބުރުގައި ރޭންޖަރސް އާއި ބައްދަލުކޮށް 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރޭންޖަރސްގެ ދަނޑުގައި ކުޅެ 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބެންފީކާއެވެ. އަދި ބެންފީކާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު ދެވަނަ ލެގްގައި ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު ސުންލަނޑުން ރޭންޖަރސް ކުރިހޯދާފައިވުމާއެކު ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެހާފް ކުޅެގެންނެވެ. އަދި އިތުރު ވަގުތުގައި ބެންފީކާއިން ކާމިޔާބުކުރި ދެ ލަނޑާއެކު މި ކުރިމަތިލުން ބެންފީކާއިން ކާމިޔާބުކޮށް ގްރޫޕް މަރްހަލާއަށް ކޮލިފައިވީއެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެވަނަ ހާފްގެ ބޮޑު ބައިގައިވެސް ލަނޑެއް ފެނިގެން ނުދިއުމާއެކު މިކުރިމަތިލުން ބެންފީކާއަށް ކާމިޔާބުވާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 90 މިނެޓްގެ ކުޅުން ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހާ ލީޑު ނެގީ ރޭންޖަރސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމާ ވޮޓްސަންއެވެ.
މިލަނޑާއެކު އިތުރު ވަގުތު ކުޅެން ޖެހުނު އިރު އިތުރު ވަގުތުގައި ކުރި ހޯދީ ބެންފީކާއިންނެވެ. މިގޮތުން އެޓީމުން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 93 ވަނަ މިނެޓްގައި ޖަހާދިނީ ކްލޯއީ ލަކަސޭއެވެ. މިމެޗްގެ 111 ވަނަ މިނެޓްގައި ބެންފީކާގެ ލޫސިއާ އަލްވޭސްއަށް ދެވަނަ ރީނޑޫ ކާޑަކާއެކު ރަތްކާޑު ދެއްކި ނަމަވެސް ރޭންޖަރސްއަށް އެކަމުގެ ފައިދާ ނެގޭގޮތެއް ނުވިއެވެ. އަދި އޭގެ ބަދަލުގައި މެޗްގެ 119 ވަނަ މިނެޓްގައި އަނެއްކާވެސް ފެނިގެންދިޔައީ ބެންފީކާއިން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ނެގި ތަނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެސިކާ ސިލްވަރއެވެ.
މިކާމިޔާބީއާއެކު މިއަންނަ މަހުގެ ތިންވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގްރޫޕް ސްތޭޖްގެ ގުރުނެގުމުގައި ބެންފީކާ ވިމެންގެ ނަންވަނީ ހިމެނިގެން ގޮސްފައެވެ. ބެންފީކާގެ އިތުރުން ޕެރިސް ސެއިންޓް ޖަރމެއިންވެސް ވަނީ ގްރޫޕް މަރްހަލާއިން ޖާގަހޯދާފައެވެ.