އިންގްލަންޑާއި ޕާކިސްތާނުގެ މެދުގައި ކުޅުނު ފަސްވަނަ ޓީ20 ކްރިކެޓް މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފިއެވެ.
މި މެޗް ޕާކިސްތާން ކާމިޔާބުކޮސްފައިވަނީ ހަ ލަނޑުންނެވެ. މިކާމިޔާބިއާއެކު ޕާކިސްތާނުންވަނީ މިސީރީޒްގައި 3 މެޗް 2 މެޗްގެ ލީޑެއް ނަގާފައެވެ.
ލާހޯރުގެ ގައްދާފީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވެގެން އިންގްލަންޑުން ގަސްދުކުރީ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ޕާކިސްތާނުން އެންމެ ފުރަތަމަ ކުޅެން އަރާ 19 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 145 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 63 ލަނޑު ހަދާދިން މުހަންމަދު ރިޒްވާންއެވެ. މިއީނިންގްސްގައި އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 20 ލަނޑަށް ތިން ވިކެޓް ނަގާދިން މާކް ވުޑްއެވެ. މީގެއިތުރުން ޑެވިޑް ވިލޭ އާއި ސޭމް ކުރާންވަނީ ކޮންމެ ކުޅުންތެރިޔަކު ދެވިކެޓް ނަގާދީފައެވެ.
ޖަވާބުގައި އިންގްލަންޑުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 139 ލަނޑެވެ. އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 51 ލަނޑު ހަދާދިން މޮއީން އަލީއެވެ. ޑާވިޑް މަލަންވަނީ 36 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުޚާފައިވަނީ ހަތަރު އޯވަރު 41 ލަނޑަށް 2 ވިކެޓް ނަގާދިން ހާރިސް ރައުފްއެވެ. މިދެޓީމްގެ މެދުގައި ކުޅޭ ހަވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އަނެއްކާވެސް ލާހޯރުގައެވެ. މިމެޗް ޕާކިސްތާން ކާމިޔާބު ކޮށްފި ކަމަށްވާނަމަ ހަތް މެޗްގެ މިސީރީޒް ޕާކިސްތާނަށް ކާމިޔާބު ކުރެވިގެންދާނެއެވެ.