ޚަބަރު

ކައުންސިލުން ހޯރަފުށީގައި ބަހުގެ ޚިދުމަތް ދޭން ފަށަނީ


ހޯރަފުއްޓަށް ވައިގެ މަގުން ދަތުރު ކުރާ ފަރާތްތަކަށް ބަހުގެ ޚިދުމަތް ދިނުމަށްޓަކައި އެރަށު ކައުންސިލުން ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ބަހުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހއ.ހޯރަފުށީގައި ބަހުގެ ޚިދުމަތް ދިނުމަށްޓަކައި އެ ރަށު ކައުންސިލުން ވަނީ އެ ޚިދުމަތަށް 25 މީހުންގެ ޖާގައިގެ ބަހެއް ގެނެސްފައެވެ. ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެއަރޕޯޓާއި ރަށާ ދެމެދު ބަހުގެ ޚިދުމަތް ފެށުމަށް ކައުންސިލުން ނިންމާފައިވަނީ ދަތުރުފަތުރުކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ. މިގޮތުން އެއަރޕޯޓާއި ރަށާ ދެމެދު ދަތުރުކުރާނެ ޓެކްސީ ލިބުމުގެ ދަތިކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަކަން ފާހަގަކުރައްވާ މިއީ އެފަދަ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ދިނުމަށް ނިންމާފައިވާ ޚިދުމަތެއްކަމަށެވެ. ވަހީދު ވިދާޅުވީ މިހާރު އަގު ނަގައިގެން ޚިދުމަތް ދިނުމަށްޓަކައި އާއްމު އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ހޯރަފުށީގައި އެއަރޕޯޓެއް އެޅުމުގެ ސަބަބުން އެރަށައް އެތައް ފައިދާއެއް ވަމުން އަންނަކަމަށް އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ. މިގޮތުން ކުރިއާ އަޅާބަލާއިރު ގެސްޓްހައުސްގެ ވިޔަފާރި ކުރަން ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ހޯރަފުށީ ކައުންސިލުން އަންނަނީ ރަށުގެ ތަރައްޤީއަށް ޕްލޭންތައް އެކުލަވާލާ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކައުންސިލުން އެކި ފަރާތްތަކުގެ އެހީގައި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި އައިސްޕްލާންޓެއްވަނީ ޤާއިމްކޮށްފައެވެ. އަދި އެތަނުން މިހާރު އަންނަނީ އައިސް ފޯރުކޮށްދެމުންނެވެ. މިގެ އިތުރުން ކައުންސިލުން ވަނީ ހޯރަފުށީގައި ބޮޓެލިން ޕްލާންޓެއް ޤާއިމްކޮށް ބިއްލޫރި ފުޅީގެ ފެން ނެރުމަށް ނިންމާފައެވެ. ކައުންސިލްގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބިއްލޫރި ފުޅީގައި ފެން ބަންދުކޮށް ވިއްކުމެވެ. މީގެ އިތުރުން އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ހޯރަފުށީގައި އިންޓަރނޭޝަނަލް ޕްރީ ސްކޫލެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.