ކުޅިވަރު

ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް ރާއްޖެއަށް ލޯ މެޑެލް


ރާއްޖޭގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް 2022 ގެ ފަހު މެޗުގައި ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް ރާއްޖޭން ލޯ މެޑެލް ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު ރާއްޖޭން ކާމިޔާބުކުރީ 86-34 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ކުއާޓާގައި ރާއްޖޭގެ ފާތިމަތު ޝައިލާން އަފްޒަލް ވަނީ މުހިންމު ދަނޑިވަޅުގައި ތްރީ ޕޮއިންޓުތަކެއް ސްކޯކޮށްފައެވެ. މި ކުއާޓާ ރާއްޖެއިން ނިންމާލީ 25-11 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ކުއާޓާގައި ރާއްޖޭގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާ ފާތިމަތު ރިޝްމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ކުއާޓާ ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 39-19 ޕޮއިންޓުންނެވެ.

މި މެޗުގެ ފަހު ދެ ކުއާޓާގައި ރާއްޖޭގެ ޒުވާން ގިނަ ކުޅުންތެރިންތަކަށް ޓީމުގެ ކޯޗު ވަނީ ފުރުސަތު ދީފައެވެ. މި ދެ ކުއާޓާގައިވެސް ރާއްޖެއިން ތަފާޓު މޮޅު ކުޅުމެއް ދެއްކިއިރު، ރާއްޖެއިން ތިންވަނަ ކުއާޓާ ނިންމާލީ 64-27 ޕޮއިންޓުން ލީޑުގައި އޮވެގެންނެވެ. އަދި ހަތަރުވަނަ ކުއާޓާ ނިންމާލީ 52 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 21 ރީބައުންޑް ނަގައިދީ 33 ޕޮއިންޓް ސްކޯކުރި ރިޝްމާއެވެ. އަދި މެޗުގައި ބޫޓާންއިން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމުގެ ކެޕްޓަން ޒުމްސެލް ފިންސޯއެވެ. އޭނާ ވަނީ އަށް ރީބައުންޑް ނަގައި 17 ޕޮއިންޓް ސްކޯކޮށްފައެވެ.

މި މެޗަށްފަހު ވަނީ ޗެމްޕިއަން ޓީމު ކަމަށްވާ ސްރީ ލަންކާއަށް ރަން މެޑެއްޔާއި ޝީލްޑް ހަވާލުކޮށްފައެވެ. ލަންކާއިން ވަނީ އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ސާބާ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އަދި މި ފަހަރުގެ މުބާރާތުގެ ރިހި މެޑަލް ހޯދީ ނޭޕާލެވެ.